ޗުއްޓީ ދުވަސްވަރު ބަލިތަކަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

277508_3_4edcb2134d8cabeef023bda4eb7ea51277df5a19_large

ޗުއްޓީ ދުވަސްވަރު ބަލިތަކަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި ފެށުނު ހަފްތާއަކީ ސްކޫލް/ކޮލެޖް/ޔުނިވާސިޓީތަކަށް ޗުއްޓީ ހަފްތާކަމަށް ވެފައި، ގިނަ އަދަދެއްގެ މީހުން ރާއްޖެއިން ބޭރަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރާނެ ދުވަސްތަކަކަށް ވާނެތީ އާއި ކުރިޔަށް އޮތް ދުވަސްވަރުގައި ރާއްޖެއިން އުމްރާގެ އަޅުކަމަށް ގިނަ އަދަދެއްގެ މީހުން ގޮސްފައިވާތީ އެހެން އަހަރުތަކޭ އެއްފަދައިން އަރިދަފުސް ރޯގާ، ވައިރަލްހުން އަދި ނޭވާލާ ނިޒާމަށް ޖެހޭ ގައިން ގަޔަށް އަރާ ބަލިތައް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

މި ހިނގާ ޑިސެމްބަރު މަހުގެ ތެރޭގައި ކޮވިޑް-19 ގެ އައު ވޭރިއަންޓް JN.1 އެކި ގައުމުތަކުން ފެނި ކޮޑިޑް ފެތުރުން އިތުރުވެފައިވާކަން ފާހަގަކޮށް ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަން ދޭންވީ ކަންތައްތައް:

  • އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ، ކިނބިހިއަޅާއިރު އަނގައާއި ނޭފަތް ކުޑަރުމާލަކުން ނުވަތަ ޓިޝޫއަކުން ނިވާކުރުން. އަދި ޓިޝޫފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރައްކާތެރިކަމާއެކު ކުނިވަށިގަނޑެއް ފަދަ އެއްޗަކަށް އެއްލާލުން
  • އާންމު ސާފުތާހިރުކަމަށް ސަމާލުވުން އަދި ހާއްސަކޮށް، ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަން ދިނުން.
  • ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި، ހާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން.
  • މިފަދަ އެއްވެސް ބައްޔެއްގެ އަލާމާތެއް ހުރެއްޖެނަމަ ކުޑަކުދިން ކައިރިއަށް ނުދިޔުމާއި އެ ކުދިން އުރާ ނުހެދުން
  • ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާއާއެކު ވީހާވެސް މަދުމީހުން ދިއުން، އަދި ބަލިމީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުން ނުދިއުން އަދި ކޮންމެހެން ހޮސްޕިޓަލަށް ދާން ޖެހޭ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ނުދިއުން
  • ރޯގާ ޖެހި ހުން އައިސް ރަނގަޅުނުވެ ގިނަ ދުވަސްވާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުން އަދި ވީހާވެސް ބޮޑަކަށް އެހެން މީހުންނާ އެކަހެރިވުން
  • އުމުރުން ދުވަސްވީ މީހުންނާއި ގިނަ ބަލިތަކަށް ބޭސްކުރާ މީހުން ކޮވިޑް-19 ވެކްސިން ޖެހުން. މިވެކްސިން ޖެހުމުން ބަލި ޖެހުނު  ކަމުގައިވިޔަސް ބޮޑުވަރުވުން ރައްކާތެރިކޮށްދޭ.
  • އުމުރުން ދުވަސްވީ މީހުންނާއި 5 އަހަރުން ދަށުގެ ކުޑަކުދިންނާއި މާބަނޑު އަންހެނުންނާއި ދިފާއީ ނިޒާމު ބަލިކަށިކުރެވިފައިވާ މީހުން އިންފުލުއެންޒާ އިން ރައްކާތެރިވުމަށް އިންފުލުއެންޒާ ވެކްސިން ޖެހުން

 

ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ، ގޭގައި ދެވިދާނެ ފަރުވާ:

  • ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން.
  • އަރާމުކުރުން
  • ލުނބޯ ފަނިސައި، އިނގުރު ސައި އަދި މާމުއި ފަދަ ބުއިންތައް ބޭނުންކުރުން
  • ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުންކުރަންވާނީ ޑޮކްޓަރެއްގެ މަޝްވަރާގެ މަތިން

މީގެއިތުރުން މަދިރިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް މަދިރި ހެފުމުން ރައްކާތެރިވުމަށާއި މަދިރި އުފެދި އާލާވާގޮތަށް އެއްޗެއްސާއި ތަންތަން ނުބެހެއްޓުމަށް ސަމާލުކަން ދިނުމަށްވެސް ވަރަށް މުހިންމު ކަމަށާއި، ޗުއްޓީ ހޭދަކުރުމުގެ އެކި ކަންކަމުގައި ކާބޯތަކެތީގެ ތަފާތު ބާވަންތައް ބޭނުން ކުރުމުގައިއާއި ކާބޯތަކެތީގެ ސާފުތާހިރު ކަމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *