ބޭރުގައި ކިޔަވާ ކުދިންގެ ކާޑު ލިމިޓް 1،200 ޑޮލަރަށް އިތުރުކޮށްފި

Screenshot 2023-12-25 141505

ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންގެ ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓު އަދި ޑެބިޓު ކާޑުން މަހެއްގެ މައްޗަށް ނެގޭ ލިމިޓް 1،200 ޑޮލަރަށް އިތުރުކޮށްދޭން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގއި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ތައުލީމް ހާސިލްކުރަމުން އަންނަ ކުދިންގެ ކާޑުން މަހަކު 750 ޑޮލަރު ނެގޭތީ އެކަމުގެ ދަތިތައް އެބަހުރި ކަމަށާއި، މިގޮތުން އަންނަ ފެބްރުއަރީ މަހުން ފެށިގެން އެ ކުދިންގެ ކާޑް ލިމިޓް 1،200 ޑޮލަރަށް އިތުރުކޮށްދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މިގޮތުން، ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ލިމިޓު މަތިކުރުމަށް ބޭނުންވާ ބޭރު ފައިސާ ހޯދައި، އެމްއެމްއޭގެ އިންޓަވެންޝަން ސިޔާސަތުގެ ތެރެއިން ބީއެމްއެލްއަށް ބޭރު ފައިސާ ފޯރުކޮށްދީގެން ބީއެމްއެލްއަށް މިކަން ތަންފީޒުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި ވަނީ މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންގެ އިތުރުން އާންމުންގެ ފަރާތްތަކުން ބޭނުންކުރަމުން އަންނަ ޑެބިޓް އަދި ކްރެޑިޓް ކާޑުން މަހެއްގެ މައްޗަށް ނެގޭ ޑޮލަރުގެ ލިމިޓް އުވާލާނެ ކަމަށް ރައީސް ޑރ.މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވައުދުވެވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *