މޮންޓަނޭގްރޯގެ ފަސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރާއި ނައިބުރައީސް ބައްދަލުކުރައްވައިފި

334788_64f31a59-e_

މޮންޓަނޭގްރޯގެ ފަރސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ހިޒް އެކްސެލެންސީ މިސްޓަރ އެލެކްސާ ބެޗިޗްއާ، ނައިބުރައީސް ޙުސައިން މުޙައްމަދު ލަޠީފް ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބުރައީސް މޮންޓަނޭގްރޯއަށް ވަޑައިގެންނެވުމަށް ދެއްވި ދަޢުވަތަށާއި އެމަނިކުފާނަށް ކިޔުއްވި ހޫނު މަރުޙަބާއަށް މިސްޓަރ އެލެކްސާ ބެޗިޗްއަށް ޝުކުރު އަދާކުރެއްވިއެވެ.

ރާއްޖެއާއި މޮންޓަނޭގްރޯއާ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މި ބަައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ވެސް، ކުދި ޤައުމުތަކުން، މަލްޓިލޭޓަރަލް ފޯރަމްތަކުގައި އެއްބާރުލުން ދިނުމަކީ ދެފަރާތަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެއް ކަމުގައި ނައިބުރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ޑރ.މުޢިއްޒަށް ލިބުނު އިންތިޚާބީ ކާމިޔާބީއަށްޓަކައި، ނައިބުރައީސް ޙުސައިން މުޙައްމަދު ލަޠީފަށް މޮންޓަނޭގްރޯގެ ފަރސްޓް ޕްރައިމް މިނިސްޓަރ މަރުޙަބާ ވިދާޅުވިއެވެ. އަދި، ދެޤައުމުގެ ގުޅުން ބަދަހި ކުރުމަށް ބޭނުންވާކަން ހާމަކުރެއްވިއެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ މޮންޓަނޭގްރޯގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ޔޫރަޕިއަން ޔޫނިއަންގެ މެންބަރަކަށް ވުން އަވަސް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ނައިބުރައީސްއާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވާ ކަންތައްތައް ނައިބުރައީސް މިސްޓަރ ބެޗިޗްއާ ހިއްސާކުރެއްވިއެވެ. ނައިބުރައީސްގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ-އެޓް-ލާރޖް މުޙައްމަދު ޙުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *