އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި

scsc

އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފިއެވެ.

މިބިލަކީ، 2023 ޑިސެންބަރު 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ބިލުގައި ގާނޫނުއަސާސީގެ ދަށުން ލިބިދޭ މަސައްކަތްތެރިންގެ ޖަމްޢިއްޔާތައް އުފެއްދުމާއި، އެފަދަ ޖަމްޢިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ހައްގު ކުރިއަރުވައި އެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރާނެ ކަންކަން ބަޔާންކޮށްފައިވެއެވެ. އަދި ހަމައެހެންމެ، އެ ހައްގު ލިބިދެވޭނެ ދާއިރާ އެކަށައެޅުމާއި، މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި އެފަދަ ޔޫނިއަންތައް ހިންގުމާގުޅޭ އުސޫލުތައް މިބިލުގައި ހިމަނާފައި ވެއެވެ. އަދި މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ ދެމެދުގައި އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ޙައްލުކުރުމާގުޅޭ އުސޫލުތަކާއި، ޓްރޭޑް ޔޫނިއަންތަކާގުޅޭ އެނޫންވެސް ކަންކަން އިންތިޒާމު ކުރުމުގެ އުސޫލުތައް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ރަޖިސްޓްރާރ އޮފް ޔޫނިއަންސްގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު އައްޔަންކުރުމަށް ކަނޑައަޅާފައިވެއެވެ. އަދި ބިލުގައި ބަޔާންކޮށްފައިވާގޮތުން މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް ރަޖިސްޓަރީކުރުމުގައާއި، ގާނޫނާ ހިލާފުވާ ޔޫނިއަންތަކާމެދު ފިޔަވަޅު އެޅުމުގައި، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނީ ރަޖިސްޓްރާރ އޮފް ޔޫނިއަންސް އެވެ.

މި ބިލު ގާނުނަކަށްވެ އޭގެ ދަށުން ޔޫނިއަންތައް ރަޖިސްޓަރީކުރުމަށް އެކުލަވާލާ ގަވާއިދަށް އަމަލުކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި، ކުރިން އެހެން ޤާނޫނެއްގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގަމުން އައި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓްރާ އޮފް ޔޫނިއަންސްއަށް ހުށަހަޅައިގެން ރަޖިސްޓަރީ ކުރަންޖެހެއެވެ. ހަމައެހެންމެ ބިލު ގާނޫނަކަށްވެ ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި 8 މެންބަރުންގެ މައްޗަށް އެކުލެވޭ "ޓްރައިޕަރޓައިޓް އެޑްވައިޒަރީ ބޯޑު"ގެ ނަމުގައި ބޯޑެއް އުފެއްދުމާއި ހަމަ މި މުއްދަތުގެ ތެރޭގައި "އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަން"ގެ ވަކި ޑިވިޜަނެއް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި އުފެއްދުމަށްވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިރުު ކުރައްވާފައެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިރުކުރާތާ 3 މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު 2011/R-12 (ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުން ހައްލުކުރުމުގައި މުއާމަލާތްކުރުމުގެ ގަވާއިދު) އުވުނީއެވެ.

Leave a Reply

Your email address will not be published. Required fields are marked *