މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

335666_ffce8857-3_

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލު (ނަންބަރު 9/2023) ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު މިއަދު  ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ، މި އަހަރުގެ ޑިސެންބަރު 18 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ސިއްހ ރައްކާތެރިކަމުގެ ގާނޫނަކީ މަސައްކަތްތެރިން މަސައްކަތްކުރާ މާޙައުލުގެ ސަލާމަތާއި، މަސައްކަތްތެރިންގެ ސިއްހީ ރައްކާތެރިކަމާއި، މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ އެނޫންވެސް ފަރާތްތަކުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

މި ގާނޫނުގެ ދަށުން، މަސައްކަތުގެ މާހައުލުގައި ވަޒީފާއަދާކުރާ ފަރާތްތަކަށް ރައްކާތެރިނޫންނަމަ، ވަޒީފާ ދޭ ފަރާތްތައް ޖޫރިމަނާ ކުރުމަށާއި، މަސައްކަތުގެ މާހައުލުގައި ލިބޭ އަނިޔާތަކަށް ބަދަލު ހޯދުމުގެ ފުރުސަތު ފަހިކޮށްދެއެވެ.

މި ގާނޫނުގެ ބައެއް މަގްސަދުތަކުގެ ތެރޭގައި މަސައްކަތުގެ މާޙައުލަކީ ސިއްހީގޮތުން ރައްކާތެރި މާހައުލެއްކަން ކަށަވަރުކުރުމަށްޓަކައި ހަމަހަމަ އަދި ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކޮށްފައިވާ ތަނަކަށްހެދުން ހިމެނެއެވެ. މީގެ އިތުރުންވެސް މި ގާނޫނުގައި މަސައްކަތުގެ މާހައުލަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، އަދި މަސައްކަތްތެރިންނާއި މަސައްކަތްކުރުވާ ފަރާތްތަކަކީ ޒިންމާދާރު، މަސްއޫލުވެރި ފަރާތްތަކަކަށް ހެދުމަށްޓަކައި މުހިންމު ގިނަ ކަންކަން ބަޔާންކޮށްފައިވެއެވެ.

މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތަކާއި މިންގަނޑުތަކާއި އުޞޫލުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމުގައި މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ

މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިރުކުރާ ތާރީހުން ފެށިގެން 3 މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *