މަސައްކަތްތެރިންގެ ހައްގުގައި މިނިމަމް ވޭޖް ގާއިމުކޮށް، ޔޫނިއަން އުފެއްދުމުގެ ހައްގު ކަށަވަރުކުރެވިއްޖެ: ފައްޔާޒް

9BD4CE6F-79E7-4D08-9FA4-FE32E7C7FC7D-q507rjskghrkcogrk933xka0ck17sx3kwgkgc392y8

މަސައްކަތްތެރިންގެ ހައްގުގައި މިނިމަމް ވޭޖް ގާއިމުކުރެވި ޔޫނިއަން އުފެއްދުމުގެ ހައްގު ކަށަވަރުކުރެވިއްޖެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭ މުހިންމު ދެ ބިލެއް މިއަދު ރައީސް ޑރ.މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާ ގުޅިގެން ފައްޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަސައްކަތްތެރިންގެ ހައްގުގެ ވާހަކައިން ފެށުނު އިންސާފުގެ ދަތުރުގެ މި ހިސާބަށް އާދެވުނުއިރު މިނިމަމް ވޭޖް ގާއިމުކުރެވި، ޔޫނިއަން އުފެއްދުމުގެ ހައްގު ކަށަވަރުކުރެވިފައިވާ ކަމަށާއި، އެކަމަށްޓަކައި ﷲ އަށް ހަމްދުކުރާ ކަމަށެވެ.

"މި ދަތުރުގައި އުފުލަންޖެހުނު ތަކުލީފަށްވުރެ މި ކާމިޔާބީގެ ހިތްހަމަޖެހުމާ އުފާވެރިކަން މާބޮޑު" ފައްޔާޒް ކުރެއްވި ޓުވީޓްގައި ވިދާޅުވިއެވެ. 

މިއަދު ތަސްދީގު ކުރެވުނު ދެ ބިލަކީ ކުރީގެ ސަރުކާރުން ތައްޔާރުކޮށް މަޖިލީހަށް ހުށަހަޅައިގެން ފާސްކޮށްފައިވާ މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލުގެ އިތުރުން އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ބިލެވެ.

މި ބިލްތައް މަޖިލީހުގައި ތާށިވެ، ބިލްގެ މަސައްކަތް ނުނިމި ދިގުލައިގެން ދިޔުމުން ފައްޔާޒް ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ބިލް މަޖިލީހުން ފާސްކުރުމަށްފަހު ތަސްދީގު ނުކުރައްވައިގެންވެސް ފައްޔާޒް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނަކީ މަސައްކަތްތެރިން މަސައްކަތްކުރާ މާޙައުލުގެ ސަލާމަތާއި، މަސައްކަތްތެރިންގެ ޞިއްޙީ ރައްކާތެރިކަމާއި، މަސައްކަތުގެ މާޙައުލުގައި ޙަރަކާތްތެރިވާ އެނޫންވެސް ފަރާތްތަކުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާގުޅޭ އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. މި ޤާނޫނުގެ ދަށުން، މަސައްކަތުގެ މާހައުލުގައި ވަޒީފާއަދާކުރާ ފަރާތްތަކަށް ރައްކާތެރިނޫންނަމަ، ވަޒީފާ ދޭ ފަރާތްތައް ޖޫރިމަނާ ކުރުމަށާއި، މަސައްކަތުގެ މާހައުލުގައި ލިބޭ އަނިޔާތަކަށް ބަދަލު ހޯދުމުގެ ފުރުޞަތު ފަހިކޮށްދެއެވެ.

މީގެއިތުރުން އިންޑަސްޓްރިއަލް ރިލޭޝަންސްއާ ގުޅޭ ބިލުގައި ޤާނޫނުއަސާސީގެ ދަށުން ލިބިދޭ މަސައްކަތްތެރިންގެ ޖަމްޢިއްޔާތައް އުފެއްދުމާއި، އެފަދަ ޖަމްޢިއްޔާތަކުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ޙައްޤު ކުރިއަރުވައި އެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރާނެ ކަންކަން ބަޔާންކޮށްފައިވެއެވެ. އަދި ހަމައެހެންމެ، އެ ޙައްޤު ލިބިދެވޭނެ ދާއިރާ އެކަށައެޅުމާއި، މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި އެފަދަ ޔޫނިއަންތައް ހިންގުމާގުޅޭ އުސޫލުތައް މިބިލުގައި ހިމަނާފައި ވެއެވެ. އަދި މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ ދެމެދުގައި އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ޙައްލުކުރުމާގުޅޭ އުސޫލުތަކާއި، ޓްރޭޑް ޔޫނިއަންތަކާގުޅޭ އެނޫންވެސް ކަންކަން އިންތިޒާމު ކުރުމުގެ އުސޫލުތައް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލްތަކަކީ ކުރީގެ ސަރުކާރުގެ ސްޓްރެޓިކް އެކްޝަން ޕްލޭނުގައި ހިމަނާފައިވާ އަދި ކުރީ ސަރުކާރުން ވައުދުވެފައިވާ ސިޔާސަތުތަކާ ގުޅޭ ބިލްތަކެވެ. މި ބިލްތައް ގަނޫނަކަށް ބަދަލުވުމާއެކު ތަރައްގީވެފައިވާ ގައުމުތަކުން ވަޒީފާ އަދާކުރާ މީހުންނަށް ލިބޭ ގާނޫނީ ރައްކާތެރިކަން ލިބޭނެ މަގުފަހި ވެގެން ދާނެ އެވެެ.

Leave a Reply

Your email address will not be published. Required fields are marked *