މިލިއަނުން ހަރަދުކޮށްގެން ސީރިއާގައި ތިބި ދިވެހި 5 އާއިލާއެއް ރާއްޖެ ގެނެސްފި

1507181731

ސީރިއާއަށް ހަނގުރާމައަށް ގޮސް ހާލުގައި ޖެހިފައި ތިބި ދިވެހި ފަސް އާއިލާއެއް މިލިއަނުން ހަރަދުކޮށްގެން ރާއްޖެ ގެނެސްފިއެވެ.

"ތޭވީސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސީރިއާއަށް ހަނގުރާމައަށް ދިޔަ ދިވެހިންގެ ތެރެއިން ފަސް އާއިލާއެއްގެ 21 މީހުން މިއަދު ރާއްޖެ ގެނެސްފައި ވަނީ 1.8 މިލިއަން ރުފިޔާއަށް ފްލައިޓެއް ޗާޓަރުކޮށްގެންނެވެ.

މިއަދު ރާއްޖެ ގެނައި 21 މީހުންގެ ތެރޭގައި ފަސް އަންހެނުންނާއި 15 ކުޑަކުދިން ހިމެނޭއިރު، އޭގެ ތެރެއިން ބައެއް ކުދިންނަކީ ސީރިއާއަށް އުފަންވި ކުދިންނެވެ. އަދި އެ ކުދިންގެ ޑީއެންއޭ ހެދުމަށްފަހު ވަނީ ދިވެހި ރަށްވެހިންނަށް ބަދަލުކޮށްފައެވެ.

މި މީހުންގެ މެޑިކަލް ހުޅުމާލޭ ހޮސްޕިޓަލުން ހަދާފައިވާއިރު، އެމީހުން މުޖުތަމައުއަށް ދޫކުރާނީ އެމީހުން ބޭތިއްބުމަށް ހަމަޖެހިފައިވާ މަރުކަޒުގައި ރިހެބިލިޓޭޓް ކުރުމަށްފަހުގައި ކަމަށް ސަރުކާރުން ބުނެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިހުސާން އަލީ ވިދާޅުވީ، ސީރިއާގައި އަދިވެސް ރާއްޖެ އައުމަށް އެދިފައިވާ 90 އަށްވުރެ ގިނަ މީހުން އެބަ ތިބި ކަމަށާއި، އަދި އެމީހުން ގެނެވޭނެ ގޮތްތަކެއް ސަރުކާރުން ބަލަމުން އަންނަ ކަމަށެވެ.

ސީރިއާގައި ތިބި ދިވެހި އާއިލާތައް އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ފެށީ މިދިޔަ ސަރުކާރުންނެވެ. މިގޮތުން ކުރީ ސަރުކާރުން ވަނީ އެމީހުން ރާއްޖެ ގެނެސް ރިހެބިލިޓޭޓްކޮށް މުޖުތަމައުއަށް ދޫކުރުމަށް ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *