ދިވެހި ސިފައިންގެ އަސްކަރީ އަދި މަދަނީ ދިފާއީ ދައުރު އަދާ ކުރުމަށް ބޭނުންވާ އެއްގަމާއި، ކަނޑާއި، ވައިގެ ޒަމާނީ ޕްލެޓްފޯމްތަކާއި ވަސީލަތްތައް ދިވެހި ރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ހޯދައިދިނުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސިފައިންގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ލަފަޔާއި، ދިވެހި ދައުލަތުގެ ނިޒާމްތަކުގެ ތެރެއިން ސިފައިންގެ އަސްކަރީ އަދި މަދަނީ ދިފާއީ ދައުރު އަދާކުރުމަށް ބޭނުންވާ އެއްގަމާއި، ކަނޑާއި، ވައިގެ ޒަމާނީ ވަސީލަތްތައް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ދިވެހި ދައުލަތުން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ދިވެހިރާއްޖެއިން އަދާކުރަން ޖެހޭ ޒިންމާތަކެއް ހިމަނާފައިވާއިރު، ދިވެހި މަސްކަނޑުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށާއި، ދިވެހި ރާއްޖޭގެ ސަރަހައްދުތަކުގައި ހިނގާފާނެ ޓްރެފިކިން އާއި މެރިޓައިމް ޓެރެރިޒަމްފަދަ "ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމްސް" ތައް ހުއްޓުވުމަށާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި ހިނގާފާނެ އެކްސިޑެންޓަކާއި އެހެނިހެން ހާދިސާތަކުގައި މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް ހިންގަން ޖެހޭ އޮޕަރޭޝަންތައް ކުރިޔަށް ގެންދިޔުމުގައި އިސްވެ ހަރަކާތްތެރިވާންޖެހޭ ފަރާތަކީ ދިވެހިރާއްޖޭގެ ދިފާއީ ބާރު ކަމަށް ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
މިގޮގުން މި ވާޖިބާއި މަސްއޫލިޔަތުތައް އަދާކުރުމުގެ ގާބިލުކަން ހުރި، އަދި ބަދަލުވަމުންދާ ސަލާމަތީ މަސްރަހުގައި ކުރިމަތިލާން ޖެހިދާނެ ސަލާމަތީ ގޮންޖެހުންތަކާއި، ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ގާބިލުކަން ހުރި ޒަމާނީ އަސްކަރިއްޔާއަކަށް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު ހެދުމަކީ ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ.މުހައްމަދު މުއިއްޒުއިސްކަން ދެއްވާ އެއްކަން ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި ކުރަންޖެހޭ އެންމެހާ ކަންކަން މާތް ﷲ ގެ ވާގިފުޅާއެކު، ސަރުކާރުން ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަންވެސް ޑިފެންސް މިނިސްޓްރީން ވަނީ ދީފައެވެ.