މާލެ ސިޓީގެ މޭޔަރު ކަމާ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ހަވާލުވުމުގެ ކުރިން ސިޓީ ކައުންސިލްގެ ބޮޑެތި ޕްރޮޖެކްޓްތައް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓްރީއަށް ބަދަލުކުރަން ނިންމައިފިއެވެ.
މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 130 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގެން ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ޑިވެލޮޕްމަންޓް މުހައްމަދު ޝާހިދު ވަނީ ކައުންސިލުން ހިންގާ ބޮޑެތި މަޝްރޫއުތައް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ހުށަހަޅުއްވާފައެވެ. އަދި އެ ހުށަހެޅުން އޮތް ގޮތަށް ފަށް ކުރަން ހުށަހެޅުއްވީ ހުޅުމާލޭ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއުއެވެ.
މި ހުށަހެޅުން ހުށަހަޅާފައި ވަނީ ސިޓީ ކައުންސިލުން ހިންގާ ބޮޑެތި މަޝްރޫއުތައް އަވަސްކުރަން ކަމަށާއި، އަދި މި ޕްރޮޖެކްޓްތައް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާއެކު މަޝްރޫއުތަކުގެ އެއްބަސްވުންތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.
ޝުޖާއުގެ ހުށަހެޅުން ފާސްކުރީ ސަރުކާރުގެ މެޖޯރިޓީ އޮންނަ ކައުންސިލްގެ 10 މެމްބަރުންގެ ތާއީދާއެކުގައެވެ. އަދި އެއް މެމްބަރަކު މި ހުށަހެޅުމަށް ތާއީދު ކުރަން ވޯޓު ދީފައެއް ނުވެއެވެ.
މިއާއެކު މަޝްރޫއުތައް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް އިދާރީ މަސައްކަތްތައް ކުރަން ކައުންސިލް ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވަނީ އަންގާފައެވެ.
ސިޓީ ކައުންސިލްގެ މަޝްރޫއުތައް ކުއްލިއަކަށް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމާފައި ވަނީ މާލޭގެ މޭޔަރު ކަމަށް އާޒިމް އިންތިހާބުކުރިތާ ފަސް ދުވަސްވެސް ނުވަނީސްއެވެ. އާޒިމް މޭޔަރު ކަމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހުއެވެ.