ރުހުން ނުލިބުމުން ޝަހީމް ހުރިހާ ރުޅިއެއް ބޭލީ ރައީސް ސޯލިހުއަށް!

image_750x_65842df1e3d8f

ރައީސް ޑރ.މުހައްމަދު މުއިއްޒު އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހުގެ އިސްލާމިކް މިނިސްޓަރު ކަމަށް އައްޔަނު ކުރެއްވި ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުއަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބުމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ހުރިހާ ރުޅިއެއް ބާލައިފިއެވެ.

ޑރ.ޝަހީމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވެރިކަމުގައި ހުންނަވައިގެންނާއި ވެރިކަމުން ދުރުވުމަށް ފަހު ވެސް، ރާއްޖޭގެ އިސްލާމީ ކަންކަން ބަލިކަށި ކޮށްލަން މަސަތްކަތް ކުރެއްވި ދެވަނަ ވެރިއެއް ރައީސް ސޯލިހު ނޫނީ ރާއްޖެ ދެކެފައި ނުވާ ކަމަށެވެ.

ޑރ.ޝަހީމް ތުހުމަތު ކުރައްވާ ގޮތުގައި އެމަނިކުފާނަށް ރުހުން ނުލިބުމުގެ ފަހަތުގައި ވަނީ ރައީސް ސޯލިހުއެވެ. ނަމަވެސް ޑރ.ޝަހީމްއަށް ރުހުން ނުދިނުމަށް ނިންމާފައި ވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕް އަދި ޑިމޮކްރެޓްސްގެ ޕީޖީ ގްރޫޕުން ވަކި ވަކިން ވަކިން ދެ ޕާޓީން ނިންމުމަށްފަހު ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވުމުންނެވެ.

މިއަދު ނެގުނު ވޯޓުގައި ޑރ.ޝަހީމްއަށް ރުހުން ދޭން ފެންނަ ކަމަށް 30 މެމްބަރަކު ވޯޓު ދެއްވާފައިވާއިރު، އެމަނިކުފާނަށް ރުހުން ދޭން ނުފެންނަ ކަމަށް 31 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ. އަދި ވަކިކޮޅަކަށް ވޯޓު ނުދެއްވާ 8 މެމްބަރަކު ތިއްބެވިއެވެ.

ޑރ.ޝަހީމް ވަނީ އިއްޔެ ރައީސް ސޯލިހުއަށް ފާޑު ވިދާޅުވެ "އެކްސް" ގައި ޕޯސްޓެއް ކުރެއްވުމަށްފަހު ޑިލީޓް ކުރައްވާފައެވެ. އެ ޕޯސްޓްގައި ޝަހީމް ވިދާޅުވީ، ރައީސް ސޯލިހު އަޑީގައި ހުންނަވައިގެން ރާއްޖޭގެ ދިމިގުރާތީ ނިޒާމު ހަލާކުކޮށްލައި ސިޔާސީ ހަމަޖެހުން ނަގާލަން ކުރަމުންދާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ޑރ.ޝަހީމްއަށް ރުހުން ނުލިބުމާ ގުޅިގެން ރައީސް ސޯލިހުއަށް އެކި ތުހުމަތުތައް ކުރައްވަމުން ގެންދަވާތީ ގިނަ ބަޔަކު އަންނަނީ އެމަނިކުފާނަށް ފާޑު ވިދާޅުވަމުންނެވެ. މިގޮތުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކުރިން ޑރ.ޝަހީމްއާ ބައްދަލުވި ކަމަށާއި، އެދުވަހު ރައީސް ސޯލިހަކީ ހެޔޮލަފާވެރިއެއްކަމަށާއި، ދުވަހަކުވެސް އެމަނިކުފާނާއި ދެކޮޅުނުވާނެކަމަށް ވިދާޅުވި ކަމަށެވެ.

މީގެއިތުރުންވެސް އެމްޑީޕީގެ ގިނަ ސަޕޯޓަރުންވެސް އަންނަނީ ޑރ.ޝަހީމް ދައްކަވަމުން އަންނަ ވާހަކަތައް ފާޑު ވިދާޅުވަމުންނެވެ. އަދި އަސްލެއް ނެތް ވާހަކަތައް ދައްކަވައި ތުހުމަތުތައް ކުރައްވާތީ އެކަން އަންނަނީ ކުށްވެރި ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *