ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރުން އިހުތިޔާރުކޮށް ބޭރު ފައިސާއާބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ ވޯޓުންނެވެ. މި ބިލު ފާސްކުރުމާ ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.
މި ބިލުގައި ބުނެފައިވަނީ، ރިޒޯޓްތަކާއި ޕްރައިވެޓް އައިލަންޑްތަކާއި ރިޒޯޓް ހޮޓާތަކުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ އަދަދެއް ބޭންކަކަށް ރުފިޔާއިން މާރުކުރަން ނުވަތަ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ރުފިޔާއިން މާރުކުރަން ވާނެ ކަމަށެވެ.
މީގެއިތުރުން ޓޫރިސްޓް އުޅަނދުތަކާއި ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސްތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ އަދަދެއް ބޭންކަކަށް ރުފިޔާއިން މާރުކުރަން ނުވަތަ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ރުފިޔާއިން މާރުކުރަން ވާނެ ކަމަށެވެ.
ރިސޯޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރުން އިޚްތިޔާރީ ކަމެއްގެ ގޮތުގައި ބިލުގައި ހުށަހަޅާފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވެފައިވަނީ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރުމަށް އޮތްގޮތް ބަދަލު ނުކުރާނެ ކަމަށާއި އަދި އެގޮތަށް އަމަލުކުރަންޖެހޭނެ ކަމަށެވެ.
މީގެއިތުރުން މި ބިލުގައި ވަނީ، ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލިބޭ އާމްދަނީން އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތައް އެ ފައިސާ ރާއްޖޭގެ ބޭންކަކަށް ޖަމާލުކުރަންވާނެ ކަމަށެވެ.