ސޯލިހްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އުޅެނީ ސަރުކާރުގެ ނާކާމިޔާބީ ފޮރުވަން: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު / ފޮޓޯ: އެމްޑީޕީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އުޅެނީ ސަރުކާރުގެ ނާކާމިޔާބީ ފޮރުވަން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޖިނާއީ ތަހުގީގެއް ހިންގުމަށް ދެންނެވުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ސިޔާމް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ މައްޗަށެވެ.

މި މައްސަލައިގައި ޝާހިދު މިއަދު ވިދާޅުވީ، ރައީސް ޑރ. މުޙަންމަދު މުޢިއްޒުގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމްގެ މައްޗަށް އެއްވެސް އަސާސެއްނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް، ޖިނާއީ ތަހުގީގެއް ހިންގުމަށް ނިންމި ނިންމުން ނުހަނު ކަންބޮޑުވުމާއި އެކު ކުށްވެރިކުރާ ކަމަށެވެ.

ޝާހިދު ވިދާޅުވީ މިއީ ރައީސް ސޯލިހްގެ ވެރިކަމުގައި ގާއިމު ކުރެވިގެންދިޔަ ހެޔޮވެރިކަމާއި ޑިމޮކްރަސީގެ ރީތި އުސޫލުތައް ނައްތާލުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

"މިއީ މިއަދުގެ ސަރުކާރަށް ކުރިމަތިވެފައިވާ ނާކާމިޔާބީ އާއި، ގެއްލިފައިވާ ތާޢީދު ފޮރުވައި، ރައްޔިތުންގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުމަށް ކުރާ ފިނޑި މަސައްކަތެއް. މި މަސައްކަތަކީ، އިތުރުވަމުންދާ ދަރަނިތަކާއި އަދި ރައްޔިތުންނަށް ލިބިފައިވާ މިނިވަންކަން ނިގުޅައިގަންނަމުންދާ މައްސަލައިގައި މި ސަރުކާރުން ރައްޔިތުންނަށް ޖަވާބުދާރީވުމުގެ ބަދަލުގައި، ރައްޔިތުންގެ ސަމާލުކަން އެހެން ދިމާލަކަށް ބަދަލު ކުރުމަށް ކުރަމުންދާ ކަމެއް." ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ މިފަދަ ނާތަހުޒީބީ އަމަލުތައް ހުއްޓާލައި، ޒިންމާދާރު ކަމާއި އެކު ވެރިކަން ކުރުމުގެ މަގަށް ސަރުކާރުގެ އަމަލުތައް ބައްޓަން ކުރުމަށް ގޮވާލައްވާފަ އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ، ދައުލަތުން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދީފައިވާ ފައިސާއާގުޅޭ މައްސަލަ ދިރާސާކޮށްފަ އެވެ. އެގޮތުން މާލިއްޔަތު ކޮމިޓީންވަނީ 2019 ވަނަ އަހަރުން 2023 ވަނަ އަހަރާ ހަމައަށް ސޮއިކޮށްފައިވާ ސެޓެލްމަންޓް އެއްބަސްވުންތަކަކީ އުފެދުމުގައިވެސް ބާތިލު އެއްބަސްވުންތަކެއް ކަމުގައި އެކޮމިޓީއަށް ފެންނަ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. މާލިއްޔަތު ކޮމިޓީން ހުށަހަޅާފައިވަނީ، އެ އެއްބަސްވުންތައް ބާތިލު ކުރެއްވުމަށް ޤާނޫނީގޮތުން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކުރެއްވުމަށެވެ. އަދި ބަދަލުގެ ގޮތުގައި ދެއްވާފައިވާ އެއްޗެއް އަނބުރާ ދައުލަތަށް ހޯއްދެވުމަށް އެޓާނީ ޖެނެރަލަށާއި ކަމާގުޅުންހުރި އިދާރާތަކަށް ދެއްނެވުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *