އެމްޑީޕީ މެންބަރުންނަކީ މުސްލިމުން ނޫންކަމަށް ބުނި މައްސަލަ ބަލަން ގޮވާލައިފި

އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު / ފޮޓޯ: އެމްޑީޕީ

ދިވެހިރައްޔިތުންގެ ޑިމްކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުންނަކީ މުސްލިމުން ނޫން ކަމަށް ބުނި މައްސަލަ ބެލުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

އެމްޑީޕީގެ މެންބަރުންނަކީ ދީން ޤަބޫލު ނުކުރާ ބައެއްކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލެވެ.

އޭނާގެ ވާހަކަ ކުށްވެރިކޮށް ޝާހިދު ވިދާޅުވީ، ޤާނޫނުއަސާސީގެ 9 ވަނަ މާއްދާގައި ދިވެހިރައްޔިތް ކަނޑައަޅައި ބަޔާންކޮށް، މުސްލިމަކަށް މެނުވީ ދިވެހިރައްޔިތަކަށް ނުވެވޭނެކަން ކަނޑައަޅައިފައިވާތީ ކޮންމެ ދިވެހިރައްޔިތަކީވެސް މުސްލިމެކެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާ ބުނާގޮތުން، މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު އެމީހަކީ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރުމަކީ ޖިނާއީ ކުށެއްކަން ޝާހިދު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނުގައި ވާގޮތުން، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގައިލުމަށް މަސައްކަތް ކުރުމާއި އެ ބާވަތުގެ ވާހަކަދެއްކުމަކީ މަނާ ކަމެއް ކަމަށެވެ.

"ދިވެހިރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ނިސްބަތްވާ ޕާޓީއެއްގެ މެންބަރުންނަކީ، މުސްލިމުން ނޫންކަމަށް ބުނުމަކީ ރައްޔިތުންގެ ތާއީދު ގެއްލި ސިޔާސީގޮތުން ބަލިވާން ފެށުމުން، އެކަން ފޫބެއްދުމަށް ޓަކައި ރައްޔިތުން ބައިބައި ކުރުމަށް ދީނީގޮތުން ފިތުނަ އުފެއްދުމަށް ފެށި ކަމެއްކަން ފާހަގަކުރެވެއެވެ." ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން މި މައްސަލަ އަވަހަށް ބައްލަވައި، އެކަށިގެންވާ ފިޔަވަޅު އެޅުމަށް ގޮވައިލައްވާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *