ބޭރު ފައިސާއާބެހޭ ބިލު ތަސްދީގު ކުރައްވައިފި

ފޮޓޯ: ރައީސް އޮފީސް

ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރުން އިހުތިޔާރުކޮށް ފާސްކޮށްފައިވާ ބޭރު ފައިސާއާބެހޭ ބިލު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލުގައި ބުނެފައިވަނީ، ރިޒޯޓްތަކާއި ޕްރައިވެޓް އައިލަންޑްތަކާއި ރިޒޯޓް ހޮޓާތަކުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ އަދަދެއް ބޭންކަކަށް ރުފިޔާއިން މާރުކުރަން ނުވަތަ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ރުފިޔާއިން މާރުކުރަން ވާނެ ކަމަށެވެ.

މީގެއިތުރުން ޓޫރިސްޓް އުޅަނދުތަކާއި ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސްތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ އަދަދެއް ބޭންކަކަށް ރުފިޔާއިން މާރުކުރަން ނުވަތަ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ރުފިޔާއިން މާރުކުރަން ވާނެ ކަމަށެވެ.

ރިސޯޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރުން އިޚްތިޔާރީ ކަމެއްގެ ގޮތުގައި ބިލުގައި ހުށަހަޅާފައިވާއިރު ރައީސް ޑރ.  މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވެފައިވަނީ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރުމަށް އޮތްގޮތް ބަދަލު ނުކުރާނެ ކަމަށާއި އަދި އެގޮތަށް އަމަލުކުރަންޖެހޭނެ ކަމަށެވެ.

މީގެއިތުރުން މި ބިލުގައި ވަނީ، ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލިބޭ އާމްދަނީން އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތައް އެ ފައިސާ ރާއްޖޭގެ ބޭންކަކަށް ޖަމާލުކުރަންވާނެ ކަމަށެވެ.

މި ބިލުގެ މަޤުސަދަކީ ދިވެހިރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުއާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ ދިވެހިރާއްޖެއަށް އެތެރެކުރުމާއި ދިވެހިރާއްޖެއިން ބޭރުކުރުމާއި، ބޭރު ފައިސާ ދިވެހިރާއްޖޭގައި ގެންގުޅުމާއި، ޖަމާކުރުމާއި، މާރުކުރުމާބެހޭ އުސޫލުތަކާއި، އެނޫންވެސް ބޭރު ފައިސާއާބެހޭ މުއާމަލާތްތަކާގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާނޭ ކަމާބެހޭ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ކަނޑައަޅައި އެކުލަވައިލުމެވެ.
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، 1 ޖަނަވަރީ 2025 ގައެވެ.

Leave a Reply

Your email address will not be published. Required fields are marked *