ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު އިސްތިއުފާ ދެއްވައިފި އެވެ.
މުއާޒް މަގާމުން އިސްތިއުފާ ދެއްވާ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އޭނާއާ ހަވާލުކުރި މަސްއޫލިޔަތު އެންމެ ފުރިހަމައަށް އަދާކޮށްފައިވާ ކަމަށެވެ.

ދިމާވި ގިނަ ގޮންޖެހުންތަކާއެކުވެސް މެދުނުކެނޑި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރި މަސައްކަތުން އެދެވޭ ނަތީޖާއެއް ހާސިލު ކުރެވިފައިވާ ކަމަށް މުއާޒް ވިދާޅުވި އެވެ.
މުއާޒް ވިދާޅުވީ ކުންފުނިތަކަކީ އުސޫލެއްގެ ގޮތުން އެ ކުންފުނިތަކަށް ލިބޭ އާމްދަނީއަކުން ހިންގުން ބައްޓަން ކުރަންޖެހޭ ތަންތަނަށް ވީނަމަވެސް ފެނަކަ ވެއްޓިފައިވާ މާލީ ހާލަތުން އެކަން އެގޮތަށް ކުރުމަކީ މުސްތަހީލު ކަމެއް ކަމަށެވެ. އެގޮތުން، ފެނަކައިގެ ދަރަނީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ އޮތް ކަމަށާއި، ބޭނުންވާ އަދަދަށްވުރެ އެތަށް ގުނައެއް އިތުރަށް ވަޒީފާ ހަމަޖައްސަން ޖެހުނުކަން މުއާޒް ފާހަގަ ކުރައްވާފައިވެ އެވެ. އަދި އެކަށީގެންވާ އެއްބާރުލުމެއް ކަމާ ގުޅުންހުރި އިދާރާތަކުން ނުލިބި ކުންފުންޏަށް ލިބޭ އާމްދަނީއަށްވުރެ ހަރަދު އިންތިހާއަށް އިތުރުވިކަން ފާހަގަ ކުރައްވާފައިވެ އެވެ.
މުއާޒް ވިދާޅުވީ ހަމައެކަނި ހިންގުމުގެ ހަރަދު ކުޑަކޮށްގެން ފެކަނަ މިހާރު ވެއްޓިފައިވާ ހާލަތުން ސަލާމަތް ނުކުރެވޭނެ ކަމަށެވެ. އަދި މި ހާލަތުން އަރައިގަތުމަށްޓަކައި ކުންފުނިން ތައްޔާރުކޮށްފައިވާ ޕްލޭންތައް ކަމާގުޅުންހުރި ހުރިހާ ފަރާތްތަކަށް ހިއްސާ ކުރެވިފަވާ ކަމަށާއި ނަމަވެސް މިކަމަށް އަލިމަގެއް މިއަދާހަމައަށްވެސް ފެނިފައިނުވާކަމަށް ބުނެފައިވެ އެވެ.