ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުއާ ގާތްގުޅުމެއް އޮންނަ މާޒިޔާ ސާވިސަސްއަށް ރިސޯޓެއް ހެދުމަށް ދީފައިވާ އއ. އަލިކޮއިރަށް އަތުލައިފި އެވެ.
އއ. އަލިކޮއިރަށުގައި ރިސޯޓެއް ހެދުމަށް މާޒިޔާ ސާވިސަސްއަށް ދީފައިވަނީ 1.2 މިލިއަން ޑޮލަރެވެ.

26 ޖޫނުގައި މަޒިޔާ ސާވިސަސްއަށް ދިން މި ހުއްދަ ބާތިލުކޮށްފައިވަނީ އެ ކުންފުނިން ފައިސާ ނުދެއްކުމުންނެވެ.
ފަޒުލްއާއި ގާތްގުޅުމެއް އޮންނަ މާޒިޔާ ސާވިސަސްއަށް ދޫކޮށްފައިވާ އަލިކޮއިރަށުގެ އެވޯޑު ލެޓާ ބާތިލުކުރިއިރު، އެކުއިޒިޝަން ކޮސްޓު ދައްކަން މީގެކުރިން އެކި ފަހަރުމަތިން ފުރުސަތު ދީފައިވެ އެވެ. އެންމެ ފަހުން ދިން މުއްދަތު ހަމަވެފައިވަނީ ނޮވެމްބަރު 10 ވަނަ ދުވަހު އެވެ.
ފަޒުލް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ފަޒުލްގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދުގެ ނަން ލިސްޓުގައި ހިމަނައި އޭނާއަށް ގޯތީގެ ރެޖިސްޓްރީއެއް ހަދައިފައިވާ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލަ ފުލުހުންނާއި އޭސީސީން ތަހުގީގު ކުރަމުން ގެންދާއިރު، ފަޒުލް ވަނީ މަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވާފަ އެވެ.