ތިނަދޫ ސިޓީގެ ދަރަޖަ ބާތިލު ކުރަން ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދެކޮޅަށް ދުސްތުރީ މައްސަލައެއް ހައިކޯޓަށް ހުށަހެޅީ ގާނޫނީ ވަކީލު މުހައްމަދު ރާގިބު އަހުމަދު، 21 ނޮވެމްބަރުގަ އެވެ.

މިމައްސަލަ ބަލައިނުގަތުމަށް އިއްޔެ ނިންމިއިރު ހައިކޯޓުގެ ރަޖިސްޓްރާ މި މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުމުގައި ބުނެފައިވަނީ، ރައީސްގެ ޤަރާރަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މަސްދަރެއް ނުވަތަ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކުން ބާރުލިބިގެން އެކުލަވާލާފައިވާ މަސްދަރެއްކަން ބުނެދެވިފައިނުވާ ކަމަށެވެ.
އެހެންކަމުން މި މައްސަލަ ހައިކޯޓަށް ބަލައިގަނެވެން ނެތްކަމަށް ރަޖިސްޓްރާ ނިންމަވާފައިވެ އެވެ.
ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ސިޓީއެއްގެ ދަރަޖަ ކަނޑައެޅުމަށްޓަކައި ފުރިހަމަވާންޖެހޭ ޝަރުތުތައް ތިނަދޫގައި ފުރިހަމަވެފައިވާ ކަމަށް ކަނޑައަޅައި، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ލިބިފައިވާ ކަމަށް ރައީސްގެ ޤަރާރުން ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކުރާ ހަމަތަކާއި ހިލާފަށް ކަމަށެވެ.
އެހެންކަމުން މިކަމުގައިމިހާތަނަށް ނިންމާފައިވާ ނިންމުންތައް ބާތިލުކަމަށް ކަނޑައަޅައި ދިނުމަށް މައްސަލައިގައި އެދިފައިވެ އެވެ.