ރައްޔިތުންނަށް ރޯޝަން ރާއްޖެއެއް ހޯދުމުގެ މަސައްކަތް ފަށަން ގޮވާލައްވައިފި

އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު / ފޮޓޯ: އެމްޑީޕީ

މިނިމުނު އަހަރު ފާހަގަވަނީ ރައްޔިތުން ނިކަމެތިކަމާއި ހާސްކަމުގެ ތެރޭގައި ތިބެންޖެހުނު އަހަރެއްގެ ގޮތުގައި ކަމަށާއި، އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އާއަހަރާއި ގުޅިގެން ޝާހިދު ފޮނުއްވި މެސެޖުގައި ވިދާޅުވީ، 2024 ވަނަ އަހަރަށް އަލްވަދާއުކިޔާ 2025 ވަނަ އަހަރަށް މަރުހަބާ ކިޔާއިރު މި ނިމުނު އަހަރަކީ ރާއްޖޭގެ ރައްޔިތުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އަހަރެއް ކަމަށެވެ.

"ރައްޔިތުންގެ އަސާސީ ހައްޤުތައް ކަށަވަރުކުރުމުގައި ދިމާވަމުންދިޔަ ދަތިތަކާއ،ި ރައްޔިތުންގެ އަސާސީ ހިދުމަތްތައް ހޯދުމުގައި ދިމާވަމުންދިޔަ ހުރަސްތަކާއި، ޤައުމުގެ އިގްތިސާދާއި، ވިޔަފާރިއާއި، މަސްވެރިކަމާއި، ފަތުރުވެރިކަމާއި، އެހެނިހެންވެސް އިގްތިސާދީ ހަރަކާތްތަކަށް އެޅެމުންދިޔަ ހުރަސްތަކާއި، ޒުވާނުންނަށް މާޔޫސްކަން ގެނުވާފަދަ ބޮޑެތި ނިންމުންތައް ނިމިގެންދިޔަ ކަމާއި، އިޖުތިމާއީ ރައްކާތެރިކަމުގެ މުޅި ނިޒާމު ރޫޅިގެންދާތަން ފެނިގެން ދިޔަކަމާއި، މިހިރަ ކަންތައްތަކަކީ މިދިޔަ އަހަރު ތެރޭގައި އަޅުގަނޑުމެން ތަޖުރިބާ ކުރަންޖެހުނު ކަންކަން." ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މިނިމުނު އަހަރު ފާހަގަވަނީ ރައްޔިތުންނަށް އަބަދުމެ ނިކަމެތިކަމާއި ހާސްކަމުގެ ތެރޭގައި ތިބެންޖެހުނު އަހަރެއްގެ ގޮތުގައި ކަމަށެވެ.

އާއަހަރަކަށް މަރުހަބާކިޔާއިރު އަބަދުވެސް މަރުހަބާކިޔަންވާނީ އާ އުންމީދުތަކަކާ އެކީގައިކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ މާޔޫސްކަމުގެ ތެރޭގައި ރައްޔިތުން "ކަސްތޮޅު އެޅިގެން" ތިބެންނުވާނެ ކަމަށެވެ. އަދި ދިވެހިންނަށް ހައްޤު މިންވަރު ހޯދުމަށް ފަސްނުޖެހި މަސައްކަތް ކުރަންވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އަދަށްވުރެ ފެހި ޒަމާނެއް، އަމާން ޒަމާނެއް ރައްޔިތުންނަށް ހޯދުމަށް އަޅުގަނޑުމެން އާ ހިތްވަރަކާއެކުގައި، މަސައްކަތް ފަށަންޖެހޭ. އެފެހި ޒަމާން، އެ ރޯޝަން ރާއްޖެ ﷲ ގެ ހެޔޮ ރަހުމަތްފުޅާއެކު އަޅުގަނޑުމެނަށް ހޯދޭނެ." ޝާހިދު ވިދާޅުވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *