ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ އެއް މިލިއަން ރުފިޔާގެ ޖުރިމަނާ، އެއް މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
އަދީބު އެއް މިލިއަން ރުފިޔާއިން ޖުރިމަނާކޮށް 20 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 5 އޮކްޓޫބަރު 2020 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުގެ ހުކުމާ އެއްގޮތަށް އަދީބު ޖުރިމަނާ ފައިސާ ނުދެއްކުމުން ދައުލަތުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އެވެ.
މި މައްސަލައިގައި ސިވިލް ކޯޓުގައި ދައުލަތުން އެދިފައިވަނީ، އެއް މަސްތެރޭގައި މި ފައިސާ ދައްކާ ހަލާސްކުރުމަށް އަދީބުގެ މައްޗަށް ހުކުމް ކޮށްދިނުމަށެވެ.
ސިވިލް ކޯޓުން އިއްޔެ މި މައްސަލައިގައި ކުރި ހުކުމުގައި ބުނެފައިވަނީ، އަދީބުގެ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާ ކަމަށެވެ. އެހެންކަމުން، އެ އެއް މިލިއަން ރުފިޔާ، 2024 ޑިސެންބަރު 31 ވަނަ ދުވަހުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ހަލާސްކުރުމަށް ހުކުމްގައިވެ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބު ދައުލަތާ އެކު އިއުތިރާފު އެއްބަސްވުމެއް ހެދުމުން 20 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެހެންނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ވަނީ އަދީބުގެ ހުކުމް ލުއި ކޮށްދީ މައާފު ދެއްވާފަ އެވެ.