ޝާހިދު އެދިވަޑައިގަތީ އެންމެން އެއްބައެއްގެ ގޮތުގައި އެހީތެރިވަމުން ދިއުމަށް

އަބްދުالله ޝާހިދު --

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެން އެއްބައެއްގެ ގޮތުގައި އެހީތެރިވަމުން ގެންދިއުމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެދިވަޑައިގެންފި އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އިއްޔެ ވަނީ ގިން ރަށްތަކަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ އެކި ވަރުގެ ގެއްލުންތައް ލިބިފަ އެވެ.

ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންދިއުމާ ގުޅިގެން ޝާހިދު ވިދާޅުވީ، ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ކުރަމުންއަންނަ ވިއްސާރާގައި ރަށްތަކަށް ބޮޑެތި ގެއްލުންތައް ލިބި އާންމު ދިރިއުޅުން ގިނަ ރަށްރަށުގައިވަނީ ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

"އަދި ރައްޔިތުން މިއަދު ތަޙައްމަލް ކުރަމުންދާ ހިތާމައިގައި އަޅުގަނޑު ބައިވެރިވަމެވެ." ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކައުންސިލު ތަކާއި، އެހެނިހެން އިދާރާތައް ގުޅިގެން ކުރެވޭ މަސައްކަތުގައި އެންމެން ބައިވެރިވެ، އެއްބައެއްގެ ގޮތުގައި އެހީތެރިވަމުން ގެންދިއުމަށް އެދޭ ކަމަށެވެ.

އިއްޔެ ވެހުނު ވާރޭގައި ފެންބޮޑުވުމުގެ ސަބަބުން 30،000 ޓަނަށް ވުރެ ގިނަ ފެން މާލެއިން ހިންދާފައިވެ އެވެ.

މީގެއިތުރުން ފ. ނިލަންދޫ، ރ. އިނގުރައިދޫ، ށ. މަރޮށި، ދ. ކުޑަހުވަދޫ، ފ. މަގޫދޫ، އދ. މާމިގިލީ، ކ. ގުރައިދޫ އަދި ކ. ހިންމަފުށްޓަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *