ރާއްޖެއާ އެކު އިންޑިއާ އަބަދުވެސް އޮންނާނެ: ޖައިޝަންކަރު

WhatsApp Image 2025-01-03 at 16.36.06

ރާއްޖެއާއެކު އިންޑިއާ އަބަދުވެސް އޮންނާނެ ކަމަށާއި ރާއްޖެއަކީ އިންޑިއާގެ ނެއިބަހުޑް ފަސްޓް ޕޮލިސީގެ އެންމެ ސާފު މިސާލު ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރް ވިދާޅުވެއްޖެ އެވެ.

ޖައިޝަންކަރް މިފަދައިން ވިދާޅުވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމީ މަޝްވަރާތަކުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ޖައިޝަންކަރް ވަނީ މާލީ އަދި އިގުތިސާދީ ދަތިތަކުން އަރައިގަތުމަށް ރާއްޖެއަށް އިންޑިއާއިން ފޯރުކޮށްދިން އެހީތެރިކަން ފާހަގަ ކުރައްވައިފަ އެވެ. އަދި ވިދާޅުވީ ރާއްޖެއާއެކު އިންޑިއާ އަބަދުވެސް އޮންނާނެ ކަމަށާއި ރާއްޖެއަކީ އިންޑިއާގެ ނެއިބަހުޑް ފަސްޓް ޕޮލިސީގެ އެންމެ ސާފު މިސާލު ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ހަލީލް ވަނީ ދިވެހިރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރައްވާފަ އެވެ. އިންޑިޔާއިން ޒަމާނުއްސުރެ ރާއްޖެއާ ދޭތެރޭ ބަހައްޓަވާ ގާތްކަން ފާހަގަކުރައްވައި، މި ދަތުރުފުޅަށްފަހު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރު ހަލީލް ވިދާޅުވިއެވެ.

މި ބައްދަލުވުމަށް ފަހު، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ފޭސް 3 ގެ ފަހުމުނާގައި ސޮއިކުރެއްވިއެވެ. މި ޕްރޮޖެކްޓްތަކަކީ ސީދާ ރައްޔިތުންނަށް އޭގެ ފައިދާ ކުރާ، އަތޮޅުތަކުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތަކެކެވެ.

Leave a Reply

Your email address will not be published. Required fields are marked *