ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ހަރަކާތާއި މިހާރުގެ ސަރުކާރާ ގުޅުމެއް ނެތްކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޚަލީލް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޭނުންވަނީ ރާއްޖެއާއި އިންޑިއާއާއި ދެމެދުއޮތް ގުޅުން ދަމަހައްޓަން ކަމަށެވެ. އަދި ކުރިން ހިނގާފައިވާ ކަންކަން މާޒީއަށް ދޫކޮށްލުމަށްފަހު ކުރިއަށްދާން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ޚަލީލް ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް ހިންގެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި އެ ހަރަކާތާއި ރައީސް މުއިއްޒުގެ ސަރުކާރާ ގުޅުމެއް ނެތް ކަމަށެވެ.
ރައީސް މުއިއްޒުގެ ސަރުކާރާއި ރައީސް ޔާމީނާ އެއްވެސް ގުޅުމެއް ނެތްކަން ފާހަގަކުރައްވާ ޚަލީލް ވިދާޅުވީ ޔާމީނަކީ މިހާރުގެ ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށެވެ.
މީގެއިތުރުން ވާހަކަ ދައްކަވަމުން ޚަލީލް ވިދާޅުވީ އިންޑިއާ އަދި ރާއްޖޭގެ ގުޅުމަށް ބުރުއަރާނެ ވާހަކަތަކަށް އެއްވެސް ޖާގައެއް ނޯންނެ ކަމަށާއި ދެ ގައުމުގެ ގުޅުން ހީނަރު ކުރުމަށް ބަޔަކު މަސައްކަތް ކުރާކަން އެނގިވަޑައިގަންނަވާ ކަމަށެވެ.