އިންޑިއާގެ ފޮރިން އިންޓެލިޖެންސް އެޖެންސީ، ރިސާޗް އެންޑް އެނެލިސިސް ވިންގް (ރޯ) ގެ އެހީގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލު ކުރުމަށް އިދިކޮޅުން މަސައްކަތް ކުރިކަމަށްބުނެ އެމެރިކާގެ ވޮޝިންޓަން ޕޯސްޓުން އާންމު ކުރި ރިޕޯޓް ސަރުކާރުން ދޮގު ކޮށްފި އެވެ.
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ވޮޝިންޓަން ޕޯސްޓުން އާންމު ކުރި ރިޕޯޓާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

އެގޮތުން ޚަލީލް ވިދާޅުވީ، ވޮޝިންޓަން ޕޯސްޓުން އާންމު ކުރި ރިޕޯޓަކީ މުޅިން ދޮގެއް ކަމަށާއި އެ ތުހުމަތުތަކުގައި އެއްވެސް ތެދެއް ނެތް ކަމަށެވެ.
ޚަލީލް ވިދާޅުވީ އިންޑިއާ އަދި ރާއްޖޭގެ ގުޅުން ހީނަރު ކުރުމަށް މަސައްކަތް ކުރަން ބަޔަކު އުޅޭނެ ކަމަށެވެ. އެހެންނަމަވެސް އިންޑިއާއާއެކު މަސައްކަތްކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް ތިބޭނެކަމުގެ ޔަގީންކަން ހަލީލް ދެއްވި އެވެ.
ވޮޝިންޓަން ޕޯސްޓުން އާންމު ކުރި ރިޕޯޓުގައި ބުނެފައިވަނީ "ރޯ"ގެ އެހީތެރިކަމާއެކު މަޖިލީހުގެ ތެރެއިން ރައީސް އަޒުލުކުރުމަށް މަސައްކަތް ކުރެވުނު ކަމަށެވެ. އަދި އެކަން ހުއްޓުވުމަށް ސަރުކާރުން އެމްޑީޕީގެ ބައެއް މެންބަރުނަށް ފައިސާ ހުށަހަޅައިގެން ޕީއެންސީއަށް ސޮއި ކުރުވި ކަމަށްވެސް ބުނެފައިވެ އެވެ.