ދިވެހިރާއްޖޭގައި ދަނޑުވެރިންނަށް އޮތީ އުފާފާގަތިކަން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައިސް މުއިއްޒު ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ގއ. ނިލަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ، ދަނޑުވެރިކަމުގެ ސިނާއަތުގެ ހިންގުން ހަރުދަނާކުރެއްވުން ކަމަށެވެ.
އެގޮތުން ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި ހެއްދުމުގެ މަސައްކަތްވެސް މިހާރު ސަރުކާރުން ފައްޓަވައި، އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ދަނޑުވެރިކަމަކީ ރާއްޖޭގެ އިޤްތިސާދު ސިންދަފާތުކުރުމަށް ބަލާއިރު ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ ދާއިރާއެއްކަމަށެވެ.
މީގެއިތުރުން ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ ނިލަންދޫ ގައިވެސް ސިއްހީ ޚިދުމަތްތައް ފުޅާކޮށްދެއްވާނޭކަމުގެ ޔަޤީންކަން ދެއްވާފަ އެވެ. އަދި ބަނދަރުގެ މައްސަލައިގައިވެސް، ރައްޔިތުން އުންމީދުކުރާ ފަދަ ހައްލެއް ހޯއްދަވައިދެއްވާނޭކަމަށާއި، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމާއި ފެނާއި ނަރުދަމާގެ މައްސަލަ ހުއްޓިފައި އޮތް އޮތުންވެސް ނިމުމަކަށް ގެންނަވާނޭކަމަށް ވިދާޅުވި އެވެ.
ރައީސް ވަނީ ނިލަންދޫ ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް ތަރައްޤީ ކޮށްދެއްވާނޭކަމަށް ވިދާޅުވެ، ކެމްޕެއިން ތެރޭގައި ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އެ ވައުދުވެސް ފުއްދަވައިދެއްވާނޭކަމަށް ވިދާޅުވެފަ އެވެ.