މާދަމާ މާލޭގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯއިން ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކޭ.ވީ. ގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން އެނަޖައިޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރުމަށް، 10 ޖަނަވަރީ 2025 ވާ ހުކުރުދުވަހުގެ ހެނދުނު 06:00 އާއި 08:00 އާއި ދެމެދު 1 ގަޑިއިރުގެ ވަގުތަކަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށެވެ.
މީގެ އިތުރުން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދު ތަކުންވެސް މި ވަގުތުގައި ކަރަންޓުގެ ހިދުމަތް މެދު ކެނޑުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ.
މި ސަބްސްޓޭޝަންގައި 50 އެމްވީއޭގެ ހައިވޯލްޓޭޖް ދެ ޓްރާންސްފޯމަރާއި، ހައިވޯލްޓޭޖް ސުވިޗްގިއަރާއި ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ މީޑިއަމް ވޯލްޓޭޖްގެ އައުޓްގޮއިންގ ފީޑަރުތައް ހިމެނޭ ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދިމާވެފައިވާ ކަރަންޓު ފޯރުކޮށްދިނުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ބަހައްޓާ މި ޓްރާންސްފޯމަރުތަކުގެ ސަބަބުން ހިދުމަތުގެ ޔަގީންކަން އިތުރުވެ، ދެވަނަ ފިޔަވައްސަށް ފޯރުކޮށްދެމުންދާ ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށްވެސް ސްޓެލްކޯއިން މައުލޫމާތުދެ އެވެ.