ޤައިދީންނަށް ލިބެންޖެހޭ އަސާސީ އިނާޔަތެއް އުނިކުރެވިފައެއް ނުވާ ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.
ކަރެކްޝަނަލް ސާވިސްއިން މިހެން ބުނެފައިވަނީ ކ. މާފުށީ ޖަލުގައި ގައިދީން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ. އަދި މިކަމުގެ ސަބަބުން ބައެއް މީހުން ހާލުދެރަވެ އެޑްމިޓްކޮށްފައިވާ ކަމަށްވެސް ސޯޝަލްމީޑިއާގައި ވާހަކަ ދެކެވިފައިވެ އެވެ.

މިކަމާ ގުޅިގެން ކަރެކްޝަންސްއިން މިއަދު ބުނެފައިވަނ،ީ ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ބައެއް އުސޫލުތަކަށް ބަދަލުގެނެވުނު ކަމަށެވެ. ނަމަވެސް ކަރެކްޝަންސްގެ ބެލުމުގެ ދަށުގައިތިބި ޤައިދީންނާއި ބަންދުމީހުންނަށް ލިބެންޖެހޭ އެއްވެސް އަސާސީ އިނާޔަތެއް، ޚިދުމަތެއް އުނިކުރެވިފައެއް ނުވާ ކަމަށްވެސް ކަރެކްޝަންސްއިން ބުނެފައިވެ އެވެ.
މީގެއިތުރުން ކަރެކްޝަންސްއިން ބުނެފައިވަނީ މާފުށީ ޖަލުގައި ތިބި ބައެއް ބަންދުމީހުން ކާބޯތަކެތި ބައެއް ފަހަރު ނުނެގި ނަމަވެސް، ވިޔަފާރި އުސޫލުން ގަނެފައިވާ ތަކެތި ބޭނުން ކުރަމުންދާކަމަށެވެ. އަދި އެއްވެސް ކަމަކާ ގުޅިގެން އެއްވެސް ބަންދުމީހެއްގެ ސިއްހީ ހާލަތު ގޯސްވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށް ވަކި ހާއްސަ ފަރުވާ ދެވިފައިވާ ނުވާ ކަމަށްވެސް ބުނެފައިވެ އެވެ.