އެނބުރި ވަޑައިގެންނެވި ބޭފުޅުންނަށް މަރުހަބާ، އެމްޑީޕީއަކީ ހެޔޮ ބަދަލު ގެނެސްދޭ ޕާޓީ

އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު / ފޮޓޯ: އެމްޑީޕީ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އަށް އެނބުރި ވަޑައިގެންނެވި ބޭފުޅުންނަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއާ އެނބުރި ގުޅިފައިވަނީ، އެމްޑީޕީގެ ކުރީގެ ނައިބުރައީސް އަދި ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ޝިފާޒް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް، ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ކެނޑިޑޭޓްގެ ރަނިންމޭޓް، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ އާޒިމް އެވެ.

މިބޭފުޅުންނަށް މަރުހަބާ ވިދާޅުވެ ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ ދިވެހިރާއްޖެއަށް އުއްމީދާއި ހެޔޮ ބަދަލު ގެނެސްދޭ ފަހުރުވެރި ޕާޓީ ކަމަށެވެ.

ޑިމޮކްރަސީ ހަރުދަނާކޮށް، ރައްޔިތުންގެ ބާރުވެރިކަން އިތުރު ކުރުމަށް އެމްޑީޕީ އިން ކުރަމުންގެންދާ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ވީހާވެސް ގިނަ ބޭފުޅުން އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް ޝާހިދު އެދިވަޑައިގެންފައިވެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފަހުކޮޅު ޕާޓީތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަށްފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ ފަރާތްތަކުން ވަނީ އެމްޑީޕީން ވަކިވެ ވަކި ސިޔާސީ ޕާޓިއެއް އުފައްދާފަ އެވެ. ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އިސްވެތިބެ ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދިއިރު، ޑިމޮކްރެޓްސްއިން ވަނީ ރިޔާސީ އިންތިހާބުގައި އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް ވާދަކޮށްފަ އެވެ. އެހެންނަމަވެސް ރިޔާސީ އިންތިހާބުގައިވެސް އެ ޕާޓީއަށް ކުރިނުލިބުނުއިރު މަޖިލިސް އިންތިހާބުގައިވެސް ޑިމޮކްރެޓްސްއަށް ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *