ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފަހުކޮޅު ޕީޕީއެމް ޕީއެންސީން ހިންގި އިންޑިއާ އައުޓް ހަރަކާތުގައި ޕީއެންސީގެ އެއްވެސް އަތެއް ނެތްކަމަށް ބުނެ ހަދަނީ ހުސް ދޮގުކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ މިފަހުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އިންޑިއާގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ.

ފޮރިން މިނިސްޓަރު ޚަލީލް ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތް ހިންގެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި އެ ހަރަކާތާއި ރައީސް މުއިއްޒުގެ ސަރުކާރާ ގުޅުމެއް ނެތް ކަމަށެވެ.
މި ވާހަކަތަކަށް ރައްދު ދެއްވާ ޝާހިދު ވިދާޅުވީ، އިންޑިއާ އައުޓްގައި އެއްވެސް އަތެއް ނެތް ކަމަށް ބުނެ ހަދަނީ ހުސް ދޮގު ކަމަށެވެ.
"އެހެރީ ފޮޓޯތަކާއި މަންޒަރުތަކާ އެއްޗެހި ފެންނަން. އެ ބޭފުޅުން ތުރުކުރައްވައިގެންް ތިއްބެވި ޓީޝާޓްތަކާއި ދެއްކެވި ވާހަކަތަކާ އެ ހުރީ ފެންނަން" ޝާހިދު ވިދާޅުވި އެވެ.
މީގެއިތުރުން ޝާހިދު ވިދާޅުވީ އިދިކޮޅުގައި ތިބިއިރު އިންޑިއާ އައުޓް ގޮވުމަށްފަހު، މިސަރުކާރުގެ ވަޒީރުން މިހާރު އިންޑިއާގެ އެކިއެކި މަގުބަރާތަކަށް ވަޑައިގެން ކުރުނީސް ކުރައްވަމުން ގެންދަވާ މަންޒަރު އެއީ ލޯ މަތީގައި ފެންނަ ހުރި ހަގީގަތް ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ފެނިގެން އެ ދަނީ، އިންޑިއާ އައުޓް ކެމްޕެއިނަކީ ރައްޔިތުންނަށް ބޮޑުތަނުން އޮޅުވާލުމަށް ހެދި މަކަރާއި ހީލަތާއި ދޮގުން ފުރިގެންވާ ކެމްޕެއިނެއްކަން ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
އެމްޑީޕީން ވަނީ މިމަހުގެ 31 ވަނަ ދުވަހު ސަރުކާރާއި ދެކޮޅަށް މަގުމައްޗަށް ނިކުތުމަށް ނިންމާފަ އެވެ. އެގޮތުން މިހިނގާލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ "ފުދިއްޖެ، ފުނޑިއްޖެ" މި ނަމުގަ އެވެ.