އައިޑީ ކާޑު ޔުނިޓްގެ މައުލޫމާތު ވަގަށް ބޭނުންކޮށްގެން ޕީއެންސީ މެންބަރުން އިތުރުކުރަން އުޅުނު މައްސަލަ ތަހުގީގު ކުރަން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.
އެމްޑީޕީން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އައިޑީ ކާޑު ޔުނިޓަކީ ދައުލަތެއްގެ ގޮތުގައި ހުރިހާ މައުލޫމާތެއް ރައްކާ ކުރާ ތަން ކަމަށާއި އެ ތަނުގެ މައުލޫމާތު ވަގަށް ބޭނުންކޮށްގެން ޕީއެންސީގެ މެންބަރުންގެ އަދަދު އިތުރުކުރަން މަސައްކަތް ކުރުމަކީ ކަންބޮޑޫވާ ކަމެއް ކަމަށެވެ.

"އެ މައްސަލަ އިހުމާލުވާ އެންމެންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި ފިޔަވަޅު އަޅަން ޖެހޭ." ޝާހިދު ވިދާޅުވި އެވެ.
މީގެއިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މި ސަރުކާރުން ދިވެހިން ސަލާންޖަހަން މަޖުބޫރުކޮށްފައިވާ ކަމަށެވެ. އަދި އަލުންބަލުން އަސާސީ ކަންކަން ހޯދަންޖެހިފައިވާ ހިސާބަށް ގޮސްފައިވާ ކަމަށާއި މިކަމުގެ ނަތީޖާ އަކީ ރައްޔިތުން ފުނޑިގެން ދިއުންކަމަށް ވިދާޅުވި އެވެ.
31 ޖެނުއަރީގައި އެމްޑީޕީން ކުރިއަށްގެންދާ މަގުމަތީ ހަރަކާތް ކުރިއަށްގެންދާނީ "ފުދިއްޖެ، ފުނޑިއްޖެ" ނަމުގަ އެވެ. "ފުދިއްޖެ، ފުނޑިއްޖެ" ނަމުގައި ކުރިއަށްގެންދާ މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 04:00 ގައި އާޓިފިޝަލް ބީޗުންނެވެ.