މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ހަރުގެއަށް ކަޅުތެޔޮ ޖަހައިފި އެވެ.
ޕީއެންސީއަށް މީހުން އިތުރު ކުރުމަށް ވަގު ފޯމު ހުށަހަޅާ މައްސަލައިގައި، ފޯމު ފުރި ކަމަށް ބުނާ މީހުންގެ ފޮޓޯ އެމްޑީޕީ ހަރުގޭގެ ބޭރުގައި ވަނީ ހަރުކޮށްފަ އެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި ކަޅުތެޔޮ ޖަހާފައިވަނީ ހަރުގޭގައި މި ފޮޓޯތައް ތަތްކޮށްފައިވާ ތަނަށެވެ.
އެމްޑީޕީން ބުނެފައިވަނީ އެ ޕާޓީގެ ފަރާތުން ސިޔާސީ ހަރަކާތް ހިންގަމުންގެންދާ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ހަރުގެ އަށް 15 ޖެނުއަރީ 2025 ވަނަ ދުވަހުގެ މެންދަމު 01:00 ހާއިރު ބަޔަކު ކަޅުތެޔޮ ޖަހާފައިވާ ކަމަށާއި އެ މައްސަލަ ބައްލަވައި ދެއްވުމަށް އެދި ރަސްމީކޮށް ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް މަސައްކަތްކުރަމުންދާއިރު، ގިނަ ބަޔަކަށް ނޭންގި ވަގަށް އެމީހުންގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ އަންނަނީ ފެންމަތިވަމުންނެވެ.