ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތު ބަދަލު ނުވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލް ވިދާޅުވެއްޖެ އެވެ.
ޚަލީލް މިފަދައިން ވިދާޅުވީ އެސްޓޯނިއާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އާއެކު ކުރިއަށްދިޔަ ބައްދަލުވުމަށްފަހު އާންމުވި ވާހަކަތަކާ ގުޅިގެންނެވެ. އެގޮތުން އެ ބައްދަލުވުމުގައި ޔޫކްރެއިނަށް ތާއީދު ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަމަށް އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ޚަލީލް ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތު ބަދަލު ނުވާ ކަމަށާއި އ.ދ. ގައި ރާއްޖެއިން ވޯޓު ދެމުންދާގޮތް ބައްލަވާލެއްވުމުން އެކަން ސާފުވާނެ ކަމަށެވެ.
ކުދި ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަށް ބުރޫއަރާ ފަދަ ހާލަތްތަކުގައި ރާއްޖެއިން އަބަދުވެސް ނަގަނީ ޕްރިންސިޕަލް ސްޓޭންޑެއް ކަމަށް ޚަލީލް ވިދާޅުވި އެވެ.
ޚަލީލް ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެގެންވަނީ އެއްވެސް ޤައުމަކާ ހަތުރުވެރި ނުވެ ދިވެހި ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ގޮތަށް އަދި ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ބުރޫ ނާރާގޮތަށް ހުރިހާ ޤައުމަކާއެކީވެސް ގާތް ގުޅުން ބޭއްވުމުގު މައްޗަށް ކަމަށެވެ.