ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް ވަގު ފޯމުތަކުގައި ހެއްކެއް ގޮތަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ސޮއިކުރި މައްސަލަ ބަލަން އެމްޑީޕީން އެދިއްޖެ އެވެ.
އެމްޑީޕީން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޤާނޫނީ ޓީމުގައި ހިމެނޭ ލީގަލް ޑިރެކްޓަރު މަހްފޫޒް ސައީދު ވިދާޅުވީ، ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަން ކުރުމަކީ ޖީނާއީ ކުށެއް ކަމަށެވެ.

މަހުފޫޒް ވިދާޅުވީ ވަގު ފޯމުތަކުގައި މުހައްމަދު އިސްމާއިލް ސޮއިކުރި ކޮންމެ ފޯމެއްގެ މައްސަލަ ވަކިން ބަލައިދޭން އެދިފައިވާ ކަމަށެވެ.
"މުހައްމަދު އިސްމާއިލް އެ ވިދާޅުވަނީ ތިމަންނަ ސޮއިކުރީމޭ. އެއީ އާންމުކޮށްއެކަން ހިނގާގޮތޭ. އާންމުކޮށް ކުރާގޮތް އެއީ ޖިނާއީ ކުށެއް." މަހުފޫޒް ވިދާޅުވި އެވެ.
ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް ވަގު ފޯމުތަކެއް އީސީއަށް ހުށަހެޅި މައްސަލަ ބޮޑުވެ ގިނަ ބަޔަކު އަންނަނީ ސޯޝަލްމީޑިއާގައި އެކަމުގެ ކަންބޮޑުވުންފާޅު ކުރަމުންނެވެ.
މި މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާންގެ ހާޒިރުގައި ފޯމުތަކެއް ފުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު މި ފޮޓޯތަކުން ފެންނަނީ ޑީއެންއާރްގެ ތެރޭގައި ފޯމު ފުރާތަންކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ. މި މައްސަލައިގައި އެމްޑީޕީން ވަނީ މިނިސްޓަރު އިހުސާން މަގާމުން އެކަހެރި ކުރުމަށްވެސް ގޮވާލާފަ އެވެ.