ވަގު ފޯމުތަކުގެ މައްސަލައިގައި ތަހުގީގުކުރުމަށް އަމުރު ކޮށްދޭން އެދިއްޖެ

MDP

ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް ވަގު ފޯމުތަކެއް ފުރާ ހުށަހެޅި މައްސަލަ ތަހުގީގުކުރަން ފުލުހުންނާއި އޭސީސީގެ މައްޗަށް އަމުރުކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެމްޑީޕީން އެދިއްޖެ އެވެ.

އެމްޑީޕީގެ ޤާނޫނީ ޓީމުން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޑިރެކްޓަރު މަހްފޫޒް ސައީދު ވިދާޅުވީ، ސައްހަ ނޫން ފޯމުތައް ޕީއެންސީން އިލެކްޝަނަށް ހުށަހެޅި މައްސަލަައިގައި ޝަކުވާ ހުށަހަޅަން އެމްޑީޕީން ހުޅުވާލި ފުރުސަތުގައި އެމްޑީޕީގެ 3000 މީހުން ޕީއެންސީއަށް ވައްދާފައިވާކަމުގެ ޝަކުވާ ލިބިފައިވާ ކަަމަށެވެ.

މީގެތެރެއިން ތަހުގީގު ކުރުމަށް ބޭނުންވާ މީހުންގެ މައްސަލަތައް ފުލުހުންގެ އިދާރާއަށް ހުށަހަޅަމުންދާކަން ހާމަކުރައްވާ މަހުފޫޒް ވިދާޅުވީ މިހާތަނަށް މިފަދަ 68 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

މިމައްސަލަ ތަހުގީގު ކުރުމަށް ޕީޖީ އަމުރު ކުރައްވަންޖެހޭނެ ކަމަށް ގަބޫލުކުރެވޭތީ ފުލުހުންނާއި އޭސީސީ މެދުވެރިކޮށް މި މައްސަލަ ބެލުމުގެ އަމުރެއް ނެރެދިނުމަށް ޕީޖީގައި އެދިފައިވާނެ ކަމަށްވެސް މަހުފޫޒް ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ތަރުޖަމާން އަދި ގާނޫނީވަކީލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ، ޕީޖީން މިފަދަ މައްސަލަތައް ބަލަން އަމުރުކުރަން ޖެހޭ ސަބަބަކީ ރައްޔިތުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ސިޔާސީ ޕާޓީއެއްގެ މެމްބަޝިޕް އިތުރު ކުރުމަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްފައިވާތީ ކަމަށެވެ. އަދި މީހުންގެ ޒާތީ މައުލޫމާތު އޮޅުވާލައިގެން އައިޑެންޓިޓީ ތެފްޓު ފަދަ ބޮޑެތި ޖަރީމާތައް ހިންގުމަކީ ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލޭނެ ކަމަކަށްވާތީ ކަމަށްވެސް އަނަސް ވިދާޅުވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *