އެމްޑީޕީން މިމަހުގެ 31 ވަނަ ދުވަހު ކުރިއަށްގެންދިއުމަށް ނިންމާފައިވާ ހިނގާލުމާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ދިނުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ދޮރުން ދޮރަށް ހިންގަވައިފި އެވެ.
31 ޖެނުއަރީގައި އެމްޑީޕީން ކުރިއަށްގެންދާ މަގުމަތީ ހަރަކާތް ކުރިއަށްގެންދާނީ "ފުދިއްޖެ، ފުނޑިއްޖެ" ނަމުގަ އެވެ.

މި ހިނގާލުމުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރުމަށް މިއަދު ވަނީ މައްޗަންގޮޅީގައި ދޮރުން ދޮރަށް ހިނގާފަ އެވެ. މި ހަރަކާތުގައި ޕާޓީގެ ރައީސް ޝާހިދުގެ އިތުރުން ލީޑާޝިޕާއި މަޖިލިސް މެމްބަރުންނާއި ދާއިރާތަކުގެ ރައީސުންނާއި އާންމު މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
31 ޖެނުއަރީ ވާ ހުކުރު ދުވަހު، "ފުދިއްޖެ، ފުނޑިއްޖެ" ނަމުގައި ކުރިއަށްގެންދާ މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 04:00 ގައި އާޓިފިޝަލް ބީޗުންނެވެ.
ޝާހިދު މީގެކުރިން ވިދާޅުވީ މި ހިނގާލުމާ ގުޅުވައިގެން ކަންމަތީ ބައްދަލުވުންތަކާއި ދޮރުން ދޮރަށް ހަރަކާތްތައް ހިންގާނެ ކަމަށެވެ. އެމްޑީޕީގެ މި ހަރަކާތުގައި ރާއްޖޭގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ޝާހިދު ދައުވަތު އެރުވި އެވެ.