ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަވަހާރަވެއްޖެ އެވެ.
އުމުރުފުޅުން 55 އަހަރުގައި ޝުއައިބް އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ކަމަށް މައުލޫމާތުލިބިފައިވެ އެވެ.

ޤަތަރުގެ ޤަތަރު ޔުނިވާސިޓީއިން ޤާނޫނާއި ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ 1997 ވަނަ އަހަރު ހާސިލު ކުރައްވާ 2006 ވަނަ އަހަރު މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯވް ހައްދަވާފައިވާ ޝުއައިބު ވަނީ ޝަރުއީ ދާއިރާގެ ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.
އެގޮތުން މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އޮފިސަރު ކަމާއި، ހާއްސަ ޤާޟީ ކަމާއި، އާއިލާއާ ބެހޭ ކޯޓުގެ ޤާޟީކަމާއި، މަދަނީކޯޓާއި، ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސްޤާޟީކަން ކުރައްވާފައިވެ އެވެ.
އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަނުކޮށް މަޤާމުގެ ހުވާ ކުރައްވާފައިވަނީ 2011 މާރޗް 26 ވަނަ ދުވަހުއެވެ. އަދި ހައިކޯޓުގެ ފަނޑިޔާރު ކަމުގައި 11 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވުމަށްފަހު 2022 ނޮވެންބަރު 22 ގައި ފަނޑިޔާރުކަމުގެ މަގާމުން މުސްކުޅި ކުރައްވާފައިވެ އެވެ.