އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބުރައީސް އަހުމަދު އަދީބު އަދި އިތުރު ފަރާތްތަކާއެކު ހަދާފައިވާ އިމިޔުނިޓީ އެއްބަސްވުންތައް ނިމުމަކަށް ގެނެސް ތަހުގީގު އަވަސްކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް އަންގަވައިފި އެވެ.
ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ، އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލަތަކާ ގުޅިގެން ޕީޖީ އޮފީހުން ހަދާފައިވާ އިމިޔުނިޓީ އަދި އެއްބާރުލުންދިނުމުގެ އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް 19 ޖަނަވަރީ ގައި ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ނިންމަވާފައިވާ ކަމަށެވެ.

އިމިޔުނިޓީ އެއްބަސްވުންތައް ނިމުމަކަށް ގެނައި ފަރާތްތައް:
- ހ. ސާމަރާ، އަޙްމަދު އަދީބު އަބްދުލްޣަފޫރު
- މ. ލޭންޑް އޮފް ގާރޑެން، އަހުމަދު އިޝްފާހު ޢަލީ
- މ. ސެސްނާ، މުހައްމަދުއައްލާމް ލަތީފް
- ގ. އޮއިވާލި، މުހައްމަދު ހުސައިން
ޕީޖީ އޮފީހުން ބުނެފައިވަނީ މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ނިންމަވާފައިވަނީ މި އެއްބަސްވުންތައް އެކުލަވާލާފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތަޙުޤީޤު ކުރިއަށްގެންދިއުމަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް އެއްބާރުލުން ހޯދުމުގެ ބޭނުމުގައިކަމަށްވީނަމަވެސް، މި މީހުންގެ ފަރާތުން މައްސަލައިގެ ތަޙުޤީޤަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާކަމަށް ތަހުގީގީ އިދާރާތުން މަޢުލޫމާތުދީފައިވާތީ ކަމަށެވެ.
މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމާއެކު، މި އެއްބަސްވުންތަކުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުރި، މި މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަހުޤީޤު ކުރިއަށްގެންދަވައި، ވީ އެންމެ އަވަހަކަށް ހުށަހެޅުމަށް، ދިވެހި ފުލުހުންގެ ޚިދުމަތަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ދަންނަވާފައިވާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.