ވަޒީރުންގެ މަޖިލީހަށް ގެނައި ބަދަލާއެކު ރުހުން ހޯދުމަށް ހުށަހަޅާފައިވާ ހަތަރު ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅާ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވީ މިދިޔަ ބްރާސްފަތި ދުވަހު މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގަ އެވެ.

މަޖިލީހުގެ ދައުރުން ބޭރުން މިއަދު ކުރިއަށް ގެންދިޔަ ޖަލްސާގައި ވަނީ ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އަހާފަ އެވެ.
އެގޮތުން ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު ކަމަށް މޫސާ ޒަމީރަށް ރުހުން ދޭން ފެންނަ ކަމަށް 69 މެންބަރުން ވޯޓު ދެއްވި އެވެ. ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ކަމަށް ޑރ. އަލީ ހައިދަރު އަހްމަދަށް ރުހުން ދޭން 63 މެންބަރުންނަށް ފެންނަ ކަމަށް އަދި ނުފެންނަ ކަމަށް 6 މެންބަރުން ވޯޓު ދެއްވި އެވެ. މީގެއިތުރުން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ކަމަށް ޑރ. މަރްޔަމް މާރިޔާާއަށް ފެންނަ ކަމަށް 70 މެންބަރުން އަދި ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ކަމަށް ޑރ. އަބްދުﷲ މުއްތަލިބްް އައްޔަނު ކުރަން ފެންނަ ކަމަށް 70 މެންބަރުން ވޯޓު ދެއްވި އެވެ.
ކެބިނެޓަށް ބަދަލުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނަވާފައިވަނީ 2024 ޑިސެމްބަރު 26 ވަނަ ދުވަހު އެވެ.