އިންޑިއާ އަދި ރާއްޖެއަށް ފައިދާހުރި ކަންކަން ހާސިލުކުރުމަށް ގާތުން މަސައްކަތް ކުރައްވާނެ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ޖީ. ބަލަސުބްރަމަނިއަމް ވިދާޅުވެއްޖެ އެވެ.
އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިއަދު ވަނި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާ ބައްދަލުކުރައްވާފަ އެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު ބައްދަލުވުމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަށް މިނިސްޓަރު ހަލީލް ވަނީ މަރުހަބާ ދަންނަވާފަ އެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް މިހާރު އައިސްފައިވާ ކުރިއެރުން ދަމަހައްޓައި އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޚަލީލް ވަނީ ދެެޤައުމު ދެމެދުގައި އޮތް ޒަމާންވީ ގާތް ރަހްމަތްތެރިކަން ފާހަގަކުރައްވައި، އިންޑިއާ ސަރުކާރުގެ ފަަރާތުން ރާއްޖެއަށް ފޯރުކޮށްދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުމުގައި އިންޑިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމަށް ފައިދާހުރި ކަންތައްތައް ހާސިލްކުރުމަށްޓަކައި ސަރުކާރާއެކު ގާތުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އެރުވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޚަލީލްގެ އަރިހުގައި ފޮރިން ސެެކްރެޓަރީ ފާތިމަތު އިނާޔާ، އެމްބެސެޑަރ އެޓް ލާޖް، މުހައްމަދު ފަހުމީ ހަސަން، އިންޑިއާ ޑިވިޜަންގެ ޖޮއިންޓް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ، ޑިރެކްޓަރ އަޙްމަދު ސުޒިލް އަދި ޑިރެކްޓަރ އާއިޝަތު ޝަހުލާ ބައިވެރިވެވަޑައިގެންނެވިއެވެ.