ހިންދޫ ފާދިރީއަކު ރާއްޖޭގައި ފަރުވާދޭ މައްސަލަ ބަލަނީ

ފުލުހުންގެ މައި މަރުކަޒު--

ހިންދޫ ފާދިރީއަކު ރައްޖޭގައި ރޫހާނީ ފަރުވާދޭކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނެފައިވަނީ، "މާސްޓަރ ދުރްގާ ރާއޯ ގުރުޖީ" ނަމަކަށް ކިޔާ މީހަކު ދިވެހިރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއް ދޭކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންދާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނެފައިވަނީ ދިވެހިންގެ ސަގާފަތާއި ދީނާ ޚިލާފު މިފަދަ ކަންކަމުގެ މައުލޫމާތު އެކަކު އަނެއްކަކާ ހިއްސާ ކުރުމުގެ ބަދަލުގައި ވީ އެންމެ އަވަހަކަށް ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ. އެހެންކަމުން، މިފަދަ އިޝްތިހާރެއް ފެނިވަޑައިގަންނަވައިފިނަމަ ލަސްނުކުރައްވައި ފުލުހުންނަށް އަންގަވައިދެއްވުން އެދިފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *