ހުޅުމާލޭގައި އެމްޑީޕީގެ ކަންމަތީ ޖަލްސާ ބާއްވަން އެޗްޑީސީން ހުއްދަ ނުދިންކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްޑީޕީން ހުޅުމާލޭގައި ކަންމަތީ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވަނީ މިރޭ އެވެ. އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި އޮތީ ހުޅުމާލެ ރުއްގަނޑު 1 އެވެ.

އެހެންނަމަވެސް އެ ތަނުގައި ޖަލްސާ ބޭއްވުމަށް އެޗްޑީސީއިން ހުއްދަ ނުދިން ކަމަށް އެމްޑީޕީން މައުލޫމާތުދެ އެވެ.
"މި ޖަލްސާ ބޭއްވުމަށް އެޗްޑީސީއިން ހުއްދަ ނުދިނުމުން، އެމްޑީޕީއަށް މިރޭ ހުޅުމާލޭގައި ކަންމަތީ ޖަލްސާ ނުބޭއްވޭނެ ކަމަށް މިހާރުވަނީ އަންގާފައި." އެމްޑީޕީން ބުނެފައިވެ އެވެ.
އެމްޑީޕީން ބުނެފައިވަނީ މިއީ ސަރުކާރުން ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ސީދާ ހުރަސްއެޅުމުގެ ނިޔަތުގައި ކުރާ ކަމެއްކަން ސާފުކޮށް އެނގޭ ކަމަށެވެ.
އެމްޑީޕީން މިމަހުގެ 31 ވަނަ ދުވަހު ބޮޑު އެއްވުމަށް ބޭއްވުމަށް ނިންމާފައިވާއިރު އެ އެއްވުމަށް ތައްޔާރުވުމުގެ ގޮތުން ކަންމަތީ ޖަލްސާތަކާއި އިތުރު ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ.
31 ޖެނުއަރީ ވާ ހުކުރު ދުވަހު، "ފުދިއްޖެ، ފުނޑިއްޖެ" ނަމުގައި ކުރިއަށްގެންދާ މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 04:00 ގައި އާޓިފިޝަލް ބީޗުންނެވެ.