ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ މީޓިން ރޫމުގައި ޕީއެންސީއަށް ފޯމު ފުރިކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހީމް އެއްބަސްވެވަޑައިގެންފި އެވެ.
ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުތަކުގެ ތެރޭގައި ވަގު ފޯމު ގިނަ އަދަދަކަށް ހުރި މައްސަލަ ފެންމަތިވެފައިވަނިކޮށް ޑިއެންއާރްގެ ތެރޭގައި ޕީއެންސީގެ ފޯމުތަކެއް ފުރާކަމަށް ތުހުމަތު ކުރެވޭ ފޮޓޯތަކެއް ވަނީ ސޯޝަލްމީޑިއާގައި އާންމުވެފަ އެވެ. އެ ފޮޓޯތަކުގައި ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުރުން ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންތަކެއް ތިބިތަންވެސް ފެނެ އެވެ. މި ފޮޓޯތައް އާންމުވުމުން ޕީއެންސީއަށް ވަގު ފޯމު ފުރީ ޑިއެންއާރްގައި ހުރި މައުލޫމާތުތައް ބޭނުންކޮށްގެން ކަމަށްބުނެ ބޮޑެތި ތުހުމަތު ތަކެއްވެސް ކުރެވުނެވެ.

މިކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާނަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް މިއަދު ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޑީއެންއާރްގެ މަސައްކަތްތައް ދައްކާލުމަށް ނޫސްވެރިންނަށް ދައުވަތުދީގެން ގެންދިޔަ އެވެ. އެގޮތުން ނޫސްވެރިން ފުރަތަމަ ގެންގޮސް ވައްދާފައިވަނީ ހޯމް މިނިސްޓްރީގެ މީޓިން ރޫމަށެވެ. އެ ރޫމަށް ނޫސްވެރިން ވެއްދިއިރު މޭޒުމަތީގައި ޕިއްޒާތަކެއް އަތުރާފައި ހުއްޓެވެ.
މިއަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހީމް ވަނީ އެ މީޓިން ރޫމަކީ ޕީއެންސީގެ ފޯމުތައް ފުރުމަށް ތިބިތަންކަން ކަށަވަރު ކޮށްދެއްވާފަ އެވެ. މަޖީދު ވިދާޅުވި އެ މީޓިން ރޫމަކީ ވަކިން ހުންނަ ތަނެއް ކަމަށާއި އެ މަސައްކަތް ކުރެވުނީ އެ މީޓިން ރޫމުގައި ކަމަށެވެ.
ޑީއެންއާރްއަށް ކުރެވޭ ތުހުމަތުތަކުގެ އަސްލެއް ނެތްކަން ދެއްކުމަށް މަޖީދު ވިދާޅުވީ ހޯމް ޓީމުން 1500 އެއްހާ ފޯމު ހުށަހެޅި ކަމަށާއި ޑީއެންއާރުން އެކަމުގެ ބައިވެރިވުމެއް އޮތް ނަމަ އެއަށްވުރެ ގިނަ ފޯމު ހުށަހަޅާނެ ކަމަށެވެ.