ސްޓެލްކޯ ޓްރާންސްފޯމަރުން ވައްކަންކޮށް ހުއްޓުވަން އުޅުނު ސްޓެލްކޯ މުވައްޒަފަކާމެދު މާރާމާރީ ހިންގި މީހާގެ ބަންދަށް އިތުރު 20 ދުވަސް ޖަހައިފި އެވެ.
ޖެނުއަރީ 14 ވަނަ ދުވަހުގެ ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު މައްސަލައިގައި ހައްޔަރު ކުރީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނު ދެ މީހުން ހުައްޓުވަން އުޅުނު ސްޓެލްކޯގެ މުވައްޒަފުންނަށް އެ މީހުން ވަނީ ހަމަލާދީފަ އެވެ. އެކަމުގެ ސަބަބުން ސްޓެލްކޯގެ މުވައްޒަފަކަށް އަނިޔާވެފައިވެ އެވެ.
މީނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން އިއްޔެ ވަނީ އެމީހާގެ ބަންދަށް އިތުރު 20 ދުވަހުގެ މުއްދަތެއް ދީފަ އެވެ. މި މީހާއަކީ އެކި ކުށްތަކަގައި މީގެކުރިން ހައްޔަރު ކޮށްފައިވާ މީހެއްކަމަށްވެސް ކޯޓު އަމުރުގައި ފާހަގަ ކޮށްފައިވެ އެވެ.
މީގެކުރިންވެސް ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމުގެ މައްސަލަތައް ފެންމަތިވެފައިވެ އެވެ. އަދި މިގޮތަށް ވައްކަން ކުރަންއުޅުނު މީހަކު ކަރަންޓުގައި ޖެހި މަރުވެފައިވެސްވެ އެވެ.