ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް މުހައްމަދު އަބްދުﷲ (މުހައްމާ) އާއި އައިމިނަތު ސަރާހަތު އިއްޒަތު އައްޔަންކޮށްފި އެވެ.
ބްރޯޑްކޮމްގެ ހުސްވެފައިވާ ދެ މެންބަރުންގެ މަގާމަށް މި ދެބޭފުޅުން އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ބްރާސްފަތި ދުވަހު އެވެ.

މި ދެބޭފުޅުން މަގާމަށް އައްޔަންކޮށްފައިވަނީ އިއްޔެ އެވެ. މި ދެބޭފުޅުން މަގާމަށް އައްޔަނު ކޮށްފައިވާކަން ހާމަކޮށްފައިވަނީ އެ ކޮމިޝަނުންނެވެ.
އާމިނަތު ސަރާހަތު އިއްޒަތަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ ވޯޓުންނެވެ. އަދި މުހައްމާގެ ނަމަށް ވޯޓަށް އެހުމުން ފެންނަކަމަށް 58 މެންބަރުން އަދި ނުފެންނަ ކަމަށް 2 މެންބަރުން ވޯޓު ދެއްވި އެވެ.
ބްރޮޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލި ފަރާތްތަކާ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީީން އިންޓަވިއުކޮށް މާކްސް ދީފައިވާއިރު 75% އިން މަތިން މާކްސް ހޯދާފައިވާ ފަރާތްތައް:
- އާމިނަތު ސަރާހަތު އިއްޒަތު – 89%
- ޝިފްޒާ މުސްތަފާ – 84%
- މުހައްމަދު އަބްދުﷲ (މުހައްމާ) – 79%
- ޝިމްލާ އަހުމަދު – 77%
އެންމެ މަތިން މާކްސް ހޯދި ތަރުތީބުގެ ދެވަނައިގައި އޮތް ޝިފްޒާ ކަޓުވާލުމަށްފަހު މުހައްމާ ބްރޮޑްކޮމްއަށް އައްޔަނު ކުރަން މަޖިލީހުން ފާސްކުރިއިރު، ޝިފްޒާ މުސްތަފާގެ ނަމަށް ވޯޓަށް އެހުމުން ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. އަދި ނުފެންނަ ކަމަށް 50 މެންބަރުން ވޯޓު ދެއްވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވި ލިސްޓުގެ ދެވަނައިގައި އޮތް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން އިބްރާހީމް މުއާޒު (ޓީވީ މުއާ) އަށް އިންޓަވިއުގައި ލިބުނީ 68% އެވެ.