އޮޅައިގެން ބޯ ދުންފަތް މަނާ ނުކުރަން ނިންމައި، ކަސްޓަމްސްއިން ހިފެހެއްޓި ރޯލިން ޓޮބޭކޯ ޝިޕްމަންޓް ދޫކޮށްލައިފި އެވެ.
ރޯލިން ޓޮބޭކޯ ޝިޕްމަންޓް ހިފަހައްޓާފައިވަނީ މިމަހުގެ ކުރީކޮޅު ހެލްތް މިނިސްޓްރީން ކަސްޓަމްސްއަށް އެންގި އެންގުމަކާ ގުޅިގެންނެވެ.

މައުލުމާތު ލިބިފައިވާ ގޮތުގައި ކަސްޓަމްސްއިން ހިފެހެއްޓި ރޯލިން ޓޮބޭކޯ ޝިޕްމަންޓް މިހާރުވަނީ ދޫކޮށްލާފަ އެވެ. މި ޝިޕްމެންޓްތަކަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރި ކުރަމުންދާ "ރޫޓް"ގެ ޝިޕްމަންޓްތަކެކެވެ. ކަސްޓަމްސްްއިން ހިފަހައްޓާފައިވަނީ ރޫޓްގެ ތިން ޝިޕްމަންޓެކެވެ.
ކަސްޓަމްސްއިން ދޫކުރި ޝިޕްމަންޓްގައި ހިމެނެނީ ދުންފަތް، ފިލްޓަރު އަދި އޮޅާ ކަރުދާހެވެ.
މި ޝިޕްމަންޓްތައް ހިފަހެއްޓީ، ދުންފަތާ ބެހޭ ގާނޫނަށް ގެނައި ބަދަލުގެދަށުން ދުންފަތް އޮޅަން ބޭނުންކުރާ އެކި ސަމާނު ވެސް މަނާވާނެ ކަމަށް ބުނެ އެވެ. ހެލްޓް މިނިސްޓްރީން އޭރު ކަސްޓަމްސްއަށް އަންގާފައިވަނީ މިފަދަ ތަކެތި އެތެރެކޮށްފި ނަމަ އަތުލުމަށެވެ.