ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރުކުރައްވަމުން ގެންދަވާ މަސައްކަތަކީ ރައްޔިތުން މަގުފުރައްދާ ވާވައްދައިގެން ކަސްތޮޅެއް އެޅުވުމުގެ މަސައްކަތް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިރޭ ކުރިއަށްގެންދިޔަ ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ދޮގެއް ހަދައިފިނަމަ އެ ދޮގު ފޮރުވުމަށް 10 ދޮގުހަދަންޖެހޭނެ ކަމަށް ކުރީގެ މުސްކުޅިން ބުނާ ކަމަށެވެ. އެގޮތުން މިސަރުކާރުން ދޮގު މައްޗަށް ދޮގު ހަދަމުންގޮސް މިއަދު ރާއްޖޭގެ މުޅި މުޖުތަމައަށް އޮތީ "އޮމަގު" ވެފައި ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްރު ވެރިކަމަށް ވަޑައިގަތުމަށް ކެމްޕޭން ތެރޭގައި ރަށްރަށަށް ވަޑައިގެން ވަރަށް ގިނަ ވައުދުތައް ވެވަޑައިގެންނެވިކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ އެ ވައުދުތައް ރައްޔިތުންނަށް ހަނދާން ކޮށްދިނުމަށް ފޮތެއްގެ ސިފައިގައިވެސް ނެރެފައި އޮތް ކަމަށެވެ. އަދި މިއަދު އެ ފޮތަށް ކިޔުން އެންމެ ރަނގަޅުނަމަކީ "ދޮގުނާމާ" ކަމަށް ވިދާޅުވި އެވެ.
"މިހާރު އަނެއްކާ ރަށްރަށަށް ވަޑައިގެން ކުރިން ވެދިޔަތަނުގައި ވެވަޑައިގެންނެވި ވައުދުތަކަކީ ނުވާ ކަމެއްކަމަށް ހައްދަވާ، މަގުމަތިން ދިމާވާ ތުއްތުކުދިންނާ ވާހަކަފުޅު ދައްކަވައިގެން އެ ކުދިންލައްވާ އެއްޗެހި ބުނުވައިގެން، މިރަށުގައި ފުޓްސަލް ދަނޑެއް، އެރަށުގައި ކުޑަ މިސްކިތެއް އަޅާލުމުގެ ވާހަކަ ދައްކާ ރައްޔިތުން ހައްލާލުމަށްކުރައްވަމުން ގެންދަވާ ޑްރާމާތައް އަނެއްކާވެސް ފެންނަމުން މިދަނީ." ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ރައީސް މުއިއްޒު މިއަދު ކުރަމުންދާ ކަމަކީ އޮޅުވާލައިގެން ރައްޔިތުން މަގުފުރައްދައިގެން، ވާވައްދައިގެން ރައްޔިތުން ގައިގާ ކަސްތޮޅު އެޅުވުމުގެ ކަމެއް ކަމަށެވެ.
ޝާހިދު ވަނީ އެމްޑީޕީން އެތައް މަސައްކަތެއް ކޮށްގެން ރާއްޖޭގެ ޒުވާނުންނަށް ހޯދައިދީފައިވާ ހައްޤު ދޫކޮށްނުލުމަށް ގޮވާލައްވާފަ އެވެ. އަދި މިއަދު ޗުއްޕުވެސް ނުބުނެ ޒުވާނުން ފަހަތައްޖެހިިގެން ތިއްބެއްޖެނަމަ އޭގެން ދެންއަންނާނެ ކަންތައްތައް މާނުރައްކާތެރިކަމަށް ޝާހިދު ވިދާޅުވި އެވެ.
އެމްޑީޕީން މިރޭ ކުރިއަށްގެންދިޔަ ކަންމަތީ ޖަލްސާއަކީ މިމަހުގެ 31 ވަނަ ދުވަހު އެމްޑީޕީން ބާއްވާ ހަރަކާތަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. 31 ޖެނުއަރީ ވާ ހުކުރު ދުވަހު، "ފުދިއްޖެ، ފުނޑިއްޖެ" ނަމުގައި ކުރިއަށްގެންދާ މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 04:00 ގައި އާޓިފިޝަލް ބީޗުންނެވެ.