އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގުތައް އަވަސް ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް އަމުރު ކުރައްވައިފި އެވެ.
ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ އޭސީސީއިން ހިނގާ ޖިނާއީ ތަހުޤީޤުތައް އެކަށީގެންވާ އަވަސްމިނެއްގައި ހިނގަމުން ނުދާކަމުގެ ޝަކުވާ ޕީޖީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މިކަން ޕީޖީ ބެއްލެވިއިރު، ދިވެހި ދައުލަތާއި އާންމު ރައްޔިތުންގެ މަސްލަހަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގެ ތަހުޤީޤު ހިމެނޭގޮތުން، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހިންގާ ޖިނާއީ ތަހުގީގުތައް ލަސްވެ، ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތަކުގައި ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމުގައާއި، އެފަދަ މައްސަލަތަކުގައި ދައުލަތާއި އާންމު ރައްޔިތުންގެ މަސްލަހަތުތަކަށް އުނިކަން އަންނަމުންދާކަން ޕީޖީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މި ސަބަބަށްޓަކައި، ޤާނޫނުއަސާސީން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން، އޭސީސީން ތަހުގީގު ކުރަމުންދާ އެންމެހައި ޖިނާއީ މައްސަލަތައް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދެއް އެކުލަވާލައްވައި، އެ އިރުޝާދަށް މިއަދުން ފެށިގެން އަމަލުކުރުމަށް، އޭސީސީގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް އަމުރުކުރައްވާފައިވާ ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދީފައިވެ އެވެ.
އެގޮތުން އޭސީސީން ތަހުގީގުކުރަމުންދާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) މައްސަލައާއި، ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލައާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅުންހުރި މައްސަލަތައް ފަދަ ދައުލަތުގެ މާލިއްޔަތާއި އާންމު ފަރުދުންގެ މަސްލަހަތާ ގުޅުންހުރި ހިޔާނާތުގެ ބޮޑެތި މައްސަލަތަކުގެ ތަހުގީގު، ހައްސަ ސަމާލުކަމެއްދީގެން އަވަހަށް ހިންގައި، އިރުޝާދާ އެއްގޮތަށް ޕީޖީ އޮފީހަށް ހުށަހެޅުމަށް އަމުރުކުރައްވާފައިވާކަން އެ އޮފީހުން މައުލޫމާތު ދީފައިވެ އެވެ.