ނަޝީދާއި ޕީޕީއެމްގެ "ސިއްރު ޑީލު"؛ ރިޔާސީ އިންތިހާބު ގެއްލުވާލައި އެމްޑީޕީ އަނެއްކާ ވެސް މަގުމައްޗަށް؟

dsvd

ޒަމާނީ ޑިމޮކްރަސީގައި، ރައްޔިތުން އިންތިހާބު ކުރާ ވެރި މީހާއަކީ ހުރިހާ ގޮތަކުން ބެލި ކަމުގައި ވީ ނަމަވެސް، ރައްޔިތުންގެ ހާދިމެކެވެ. އޭނާގެ އެންމެ މައިގަނޑު މަސްއޫލިއްޔަތަކީ ރައްޔިތުންގެ މުހުތާދުތައް ފުއްދައިއިނުމެވެ. ކުރިއަށް އޮތް ފަސް އަހަރަށް ރައްޔިތުން އެދޭފަދަ އާރޯކަމާއި ފާގަތިކަން އެމީހުންގެ ދިރިއުޅުމަށް ގެނެސްދިނުމެވެ. 2008 އިން ފެށިގެން ކޮންމެ އިންތިހާބެއްގައިވެސް ދިވެހިން ވޯޓު ލަނީ އެ ވިސްނުމުގައި، އެ ހުވަފެން ދެކިގެންނެވެ. އެހެންނަމަވެސް، ޒަމާނީ ޑިމޮކްރަސީ ތައާރަފްވީ ފަހުން އިންތިހާބު ކުރެވުނު ހުރިހާ ރައީސުންނަކީ އެ މަގުން މަސައްކަތް ކުރި ބައެކޭ ބުނަން އުނދަގުލެވެ.

އޭގެ އެންމެ އަރާހުރި މިސާލަކީ އެންމެ ފަހުން ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވި، އަދި މިހާރު މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ރައީސް ޔާމީން އަބްދުލްގައްޔޫމެވެ. ރައީސް ޔާމީންގެ ވެރިކަމަކީ ގިނަ މީހުން ނުތަނަވަސް ކުރުވި ވެރިކަމެކެވެ. އެމަނިކުފާނުގެ ވެރިކަން ފެށުމުގެ ކުރިންވެސް، ބޭބޭފުޅު ރައީސް މައުމޫންގެ ވެރިކަމުގައި ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް ރަށު ތެރޭގައި ވާހަކަދެކެވެއެވެ. އެމަނިކުފާނަކީ ރުންކުރު މީހެއް ކަމަށާއި، އަމިއްލަ އެދުމުން ފޯވެގެންވާ މީހެއްކަން އޭރުވެސް ގިނަ މީހުން ދަނެއެވެ. އެހެންނަމަވެސް، ފަހަރުގައިވެސް އެމަނިކުފާނުގެ ވެރިކަމުގައި ވެގެންދާނެ ގޮތް އަންދާޒާކޮށްލަންވެސް 2013ގައި ރައްޔިތުންނަކަށް ނޭނގެއެވެ.

އޭގެ ތިން އަހަރު ފަހެވެ. ކަޅު ފޮތި ގަނޑެއްދަމާ، އޭގެ ކުރިމަތީގައި ދިވެހި ދިދައާއި ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. ޖަމީލް ބަހައްޓަވައި، ޕޯޑިއަމެއް ކުރިމަތީ ހުއްޓި ހުރެ ދިވެހި ރައްޔިތުންނާއި މުހާތަބު ކުރައްވަނީ ރައީސް ނަޝީދެވެ. އަޑަށް ބާރުލައި ވިދާޅުވާން ފެއްޓެވީ، "އެއޮށް ފަޅާ، މިއޮށް ފަރާ، މި ގިރިއާ، އެ ހަލާ ދެން އޮތް ރަށް ފެންތައްޓަކާއި ނުލައި ދިރުވާލާ ފަދައިން، ތިޔަހެން ހައްދަވާ ދޮގުގެ ޖާދޫގައި މާތްކަލާކޯ އަޅުގަނޑުމެން މިތިބީ ޖެހޭކަށެއް ނޫން. 50 ވުރެ ގިނަ ރަށާއި، ފަސްވަތްފުރާ ފައްސަތޭކައިގެ ނޫޓު ވަގަށް ނަގައިފި. ކަންނެލި އޮޑިއެއް ބަރުކުރާހާ ރުފިޔާއާ ޑޮލަރު ގެއްލިއްޖެ. ދިވެހިންގެ މުދަލުން ވައްކަން ކޮށްފި". އާދޭހެވެ. ދިވެހި ރައްޔިތުންގެ މުދަލުން އިންތިހާއަށް އޭރުއޮތީ ވައްކަން ކޮށްފައެވެ. ރައީސް ޔާމީނާއި، އެމަނިކުފާނުގެ ނައިބު ރައީސް އަހުމަދު އަދީބު ހިންގެވި ހިޔާނާތާކީ ދިވެހި ތާރީހުގައި ބަޔަކު ދައުލަތުގެ ފައިސާއަށް ވީ އެންމެ ބޮޑު ހިޔާނާތެވެ.

ދައުލަތުގެ ފައިސާއަށް ކޮންމެ މީހަކު ހިޔާނާތްތެރިވިޔަސް އެ މައްސަލަ ބަލަން ޖެހޭނެއެވެ. އަދި ކިއެއްތަ، އެއީ ގައުމުގެ އެންމެ އިސްމީހާ ކަމުގައި ވާނަމަ، އެ މައްސަލަ އެއަށްވުރެ ގާތުންވެސް ބެލެން ޖެހޭނެއެވެ. ހަވާލުކުރެވުނު އަމާނާތައް ހިޔާނާތްތެރިވީމާ، އެކަމަށް މައާފުދީ އޭނާ ދޫ ކޮށްލުމަކީ ދެން އަންނަ ވެރިމީހާއަށް ލިބިގެންވާ ބާރެއް ނޫނެވެ. އޭރުން ތަރާދު ހަމަހަމަ ކުރެވުނު ކަމަކަށް ގަބޫލުކުރަން ދައްޗެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ބަލާލީމާ މިހާރު ފެންނަނީ ކަސިޔާރު މަންޒަރެކެވެ. އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، މީގެ ހަ އަހަރު ކުރިން ރައީސް ނަޝީދު ދެއްކެވި ހުރިހާ ވާހަކައެއްމެހެން އެމަނިކުފާނު ހަނދާން ނެތިއްޖެ ފަދައެވެ. ބުރިޖު އޯކޭވެފައި ވައްކަން އޯކޭ ނުވި ދުވަސް މާޒީވެ ހިނގައްޖެފަދައެވެ. މިހާރު އެމްއެމްޕީއާރްސީ ވައްކަންވެސް އޯކޭއެވެ. ރައީސް ޔާމީން އަކީ އެމަނިކުފާނުގެ ވިސްނުމުގައި ސިޔާސީ ގޮތުން އެމަނިކުފާނާއި މާ ބޮޑު ހިޔާލު ތަފާތުވުންތަކެއްވެސް ހުރި ބޭފުޅެއް ނޫނެވެ. ސިޔާސީ ގޮތުން ދެމީހުންގެވެސް ހުރީ އެއްކަހަލަ ވިސްނުމެކެވެ. ސިޔާސީ ފިކުރަކީ އެއް ފިކުރެކެވެ. ސްޓެލްކޯގައި ހޭދަކުރި ދުވަސްތަކުން ފެށިގެން ގޮސް އެސްޓީއޯ ދަވާލައި، ވެރިކަމުގެ ފަސް އަހަރު ކުރެއްވި ވައްކަންތައްވެސް ކުރެއްވީ އިންޓަލެކްޗުއަލް ބޭފުޅެކެވެ.

ރައީސް ނަޝީދުގެ ވިސްނުން ބަދަލުކޮށް، ރައީސް ޔާމީން ކަމުދިޔުމަކީ އެމަނިކުފާނަށް ލިބިފައިވާ ހައްގެކެވެ. ސިޔާސީ ގޮތުން ތިމާ ތާއީދު ކުރާނޭ މީހަކު ނިންމާނީ އެމީހެކެވެ. ރައްޔިތުންގެ ވޯޓު އެއިން މަދުވިއެއް ކަމަކު، ނުވަތަ އޭގެ ސަބަބުން ރައްޔިތުން އޭނާއަކީ ދެފުށްކެހެރިއެކޭ ބުންޏެއްކަމަކު، ސިޔާސީ ގޮތުން އެމީހަކު ބޭނުން ނިންމުމެއް އެމީހަކަށް ނިންމޭނެއެވެ. އޮތީ ހަމަ އެންމެ މައްސަލައެކެވެ.

އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ފޯރި އިންތިހާއަށް ގަދަވެފައިވާއިރު، ފެންނަނީ މި އިންތިހާބުގައި އެހެން ޕާޓީތަކުންވެސް ބައިވެރިވަމުންދާ މަންޒަރެވެ. އިދިކޮޅު ޕީޕީއެމްވެސް އިންތިހާބު ތެރޭގައި ފެންނަނީ ވަރަށް އެކްޓިވްކޮށެވެ. އެބޭފުޅުންގެ ކުރިމަގާއި ސީދާ ގުޅިފައިވާ އިންތިހާބަކަށް މި އިންތިހާބު ވަނީކަމަށްވެސް ވެދާނެއެވެ. އެހެން ގަބޫލުކުރެވޭ ވަރަށް ގިނަ ސަބަބުތަކެއް އެބަހުއްޓެވެ.

އިންތިހާބު ނިމިގެންދާ ގޮތަކުން ރައީސް ޔާމީން މިނިވަން ވެދާނެކަމަށްވެސް މިހާރު ގަބޫލުކުރެވެއެވެ. އެއީ، ރައީސް ނަޝީދުގެ ބަސްމަގު މިހާރު ހުރިގޮތުންނާއި، އަދި ކުރިން އެމަނިކުފާނު ދައްކަވާފައިވާ ވާހަކަތަކަށް ބަލާލުމުން، އިންތިހާބު ކާމިޔާބުވެއްޖެނަމަ ރައީސް ޔާމީން މިނިވަންކުރަން އެމަނިކުފާނު މަސައްކަތް ކުރައްވާނެތީ ކަމަށް ބެލެވެއެވެ. ރައީސް ނަޝީދުގެ ވިސްނުމުގައި، ރާއްޖޭގެ ވެރިކަން ކުރާ މީހުން ޖަލަށް ލުމަކީ އެމަނިކުފާނު މާ ގަޔާވާ ކަމެއް ނޫނެވެ. އެ މޭރުމުން އެމަނިކުފާނުގެ އާސްކް ސްޕީކާ ޕްރޮގްރާމްގައި ތަކުރާރުކޮށް ވާހަކަދައްކަވާފައިވެއެވެ. އެމަނިކުފާނު ފަހުރުވެރިކަމާއެކު ވިދާޅުވަނީ، ރައީސް މައުމޫންވެސް ޖަލަށް ނުލައްވާ ކަމަށެވެ. ފަހަރުގައި، އެއީ ރައްޔިތުންނަށް ވެވޭ ބޭއިންސާފެއްކަމުގައިވެސް ބައެއް މީހުން ބުނެފާނެއެވެ.

ހޮނިހިރު ދުވަހު ކޮންމެ ނަތީޖާއެއް ނިކުތް ކަމުގައިވީނަމަވެސް، ރައީސް ނަޝީދުގެ ބަސްމަގު މިހާރު ފެންނަނީ އެމްޑީޕީއާ ފެޔަށްޖެހި ރައީސް ޔާމީނާ އާނ ބުސް ބުނާނޭ ފަދަ ގޮތަކަށެވެ. އިންތިހާބުން ބަލިވިއަސް، މޮޅުވިއަސް، ހިޔާނާތުގެ ކުށް ސާބިތުވެފައިވާ ރައީސް ޔާމީންގެ ހިމާޔަތުގައި ދެން ނިކުންނަވާނީ ރައީސް ނަޝީދުކަމަށް ގަބޫލުކުރެވޭނެ ޖާގަ މިހާރު އެބައޮތެވެ.

Leave a Reply

Your email address will not be published. Required fields are marked *