ނާޒިމްގެ ވާހަކަތައް ސަރުކާރުން ދޮގުކޮށްފި، މީޑީއާ އަދި އިންޓަނެޓް ރެގިއުލޭޓް ކުރަން ނޫޅެން

މެންބަރު އަހުމަދު ނާޒިމް އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިކަމާއި އިންޓަނެޓްގެ ވަސީލަތްތައް ރެގިއުލޭޓްކުރަން ބިލެއް ތައްޔާރުކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ދެއްކެވި ވާހަކަތައް ސަރުކާރުން ދޮގުކޮށްފި އެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ނާޒިމް ވިދާޅުވީ، އިންޓަނެޓާއި ސޯޝަލް މީޑިއާ އަދި ނޫސްވެރިކަން އެއް ފުރާޅެއްގެ ދަށުން ރެގިއުލޭޓްކުރުމަށް ބިލެއް ތައްޔާރު ކުރަމުންދާ ކަމަށެވެ.

ނާޒިމްގެ ވާހަކަތަކާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދް ވިދާޅުވީ، ނޫސްވެރިކަމާ އިންޓަނެޓް ރެގިއުލޭޓް ކުރާ ބިލެއް ތައާރަފް ކުރަން ސަރުކާރުން އެެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.

"ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައިވެސް އެފަދަ ބިލެއް ހިމެނިފައި ނުވާނެ. ކުރިއަށްއޮތް ތަނުގައިވެސް އެފަދަ ބިލެއް ތައާރަފް ކުރުމުގެ ވިސްނުމެއްނެތް." ހީނާ ވިދާޅުވި އެވެ.

މީގެއިތުރުން ހީނާ ވިދާޅުވީ، މީޑިއާތައް ޑީ ރެގިއުލޭޓް ކުރުމާއެކު ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ. މިސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެ އިސްކަންދޭ ސިޔާސަތަކީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ޤާއިމްކޮށް ދެމެހެއްޓުން ކަމަށް ހީނާ ވިދާޅުވި އެވެ.

ނާޒިމްގެ ވާހަކަތައް ސަރުކާރުން ދޮގުކުރައްވާފައިވާއިރު މި އިންޓަވިއުގައި ނާޒިމް ވިދާޅުވެފައިވަނީ، މީޑިއާ ވެސް ޒިންމާދާރުވާންޖެހޭ ކަމަށާއި، މީޑިއާއިން ބުނަނީ މީޑިއާ އަމިއްލައަށް ރެގިއުލޭޓް ކުރެވޭނޭ ކަމަށެވެ. އެހެންނަމަވެސް އެކަން ވެފައެއް ނެތް ކަމަށާއި ވާތަނެއް ފެންނާކަށް ވެސް ނެތް ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ބޭނުން އެއްޗެއް ޓީވީތަކުން ވެސް ދައްކަނީ ކަމަށާއި ލިޔަން ބޭނުންވާ އެއްޗެއް ލިޔަން ވެސް ލިޔަނީ ކަމަށް ވިދާޅުވި އެވެ. ނާޒިމް ވދިާލުވީ ވަރަށް ބޮޑަށް ޒާތީވެގެން ގޮސް، ޓީވީތަކުންނާއި އެއްޗެހި ދައްކާތަން ފެންނަ ކަމަށެވެ. އަދި އެއްވެސް އަސްލެއް ހަގީގަތެއް ނެތް ކަންކަމުގައި ވެސް ބުނި ބުންޏަށް ވާހަކަތައް ދައްކާކަމަށް ނާޒިމް ވިދާޅުވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *