ޓޫރިޒަމް މިިސްޓަރުގެ ހައިސިއްޔަތުން އިބްރާހިމް ފައިސަލް ހިދުމަތް ކުރެއްވީ އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކަމަށް ފައިސަލްގެ ބައްޕާފުޅު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވެއްޖެ އެވެ.
ރައީސް ޑ.ރ މުހައްމަދު މުއިއްޒު މިއަދު ވަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ފައިސަލް ވަކިކުރައްވާފަ އެވެ .

އެކަމާއި ގުޅިގެން އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަރިފުޅު އިބްރާހީމް ފައިސަލަށްޓަކައި އޭނާއާއި އާއިލާ ފަޚުރުވެރިވާ ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަމާބެހޭ ވަޒީރުކަމުގެ މަގާމުގައި ހުރެގެން ފައިސަލް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކަމަށާއި ނަތީޖާނެރެދެއްކި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ދާއިރާގެ އިތުބާރާ ލޯބި ވެސް ފައިސަލް ހޯދި ކަމަށް ވިދާޅުވި އެވެ.
"މާތް ﷲ ދަރިފުޅު ފައިޞަލަށް ސާބިތުކަމާ ކެތްތެރިކަން މިންވަރުކުރައްވާ މާ އުޖާލާ މާދަމާއެއް ދައްކަވާށި. އާމީން" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ފައިސަލް ވަކިކޮށް އެ މިނިސްޓްރީގެ ކަންކަން ވަގުތީ ގޮތުން ހަވާލު ކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ އެވެ. ފައިސަލް މަގާމުން ވަކިކޮށްފައިވާއިރު ރައީސް މުއިއްޒުއާއި މަޖިލިސް ރައީސް އަބްދުއްރަހީމްގެ ގުޅުން ހީނަރުވެފައިވާކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.