ސަރުކާރުން ކަންކަން ކުރުމަށް އިއުލާންކުރަނީ އެ ކަންކަން ރާވައި މަޝްވަރާކުރުމަށްފަހު، އެކަންކަން ކުރެވޭނެ ގޮތްތައް ކަނޑައަޅައިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ހއ. މުރައިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ކަންކަން އިއުލާންކުރަނީ، ކުއްލިއަކަށް އެއްވެސް ކަމެއް ނުބައްލަވައި ނޫންކަމަށާއި، އޭގެ ބަދަލުގައި ކަންކަން އިއުލާންކުރައްވަނީ، އެ ކަންކަން ރާވައި އެކަންކަން ކުރުމަށް މަޝްވަރާކުރުމަށްފަހު، އެކަންކަން ކުރެވޭނެ ގޮތްތައް ކަނޑައަޅައިގެން ކަމަށެވެ.
"އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރާ ގޮތަކީ ރައްޔިތުންގެ ގާތުން ކަންކަން އޮޅުން ފިލުވައިގެން، އެންމެ އިސްކަން ދޭންޖެހޭ ކަންކަމަށް އިސްކަންދީގެން، ރައްޔިތުންނަށް އެ ދަތިވާކަންކަމަށް ޙައްލުތައް ގެނެސްދިނުމަށް" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުކާރުގެ ކަމާބެހޭ ވުޒާރާތަކާއެކު މަޝްވަރާކުރައްވައިގެން، ރަށްރަށުގައި ނުފެށި ހުރި، އަދި ހުއްޓިފައިހުރި މަޝްރޫއުތައް ހިންގޭނެ މަގު ތަނަވަސްކުރުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުންގެންދަވާކަމަށެވެ. އަދި އެކަންކަން ކާމިޔާބުކުރެއްވޭކަމުގައި ފާހަގަކުރައްވައި، ދެން ފެނިގެންދާނީ ބަޖެޓުގައި ހުރި ފުރުސަތުތަކުގެ ތެރެއިން ހުއްޓިފައި ހުރި، ނުހިނގާހުރި ކަންކަމާއި، އަދި ސަރުކާރުން އަލަށް ކުރުމަށް ވައުދުވެފައިވާ ކަންކަން ހިނގައިގަންނަ މަންޒަރުކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.